އިންޑޮނޭޝިއާގެ ޖަކާޓާއިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެއްޓުނު ސްރިވިޖަޔާ އެއަރގެ ފްލައިޓް ވެއްޓުނު ހާދިސާއާ ގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއާރޒް އަބްދުﷲ ޝާހިދު ޙަމްދަރުދީ ފާޅުކުރައްވައިފިއެވެ. 

ޖެނުއަރީ 9 ވީ ހޮނިހިރު ދުވަހު ޖަކާޓާއިން ފުރިތާ ގިނަ އިރުތަކެއް ނުވެ ޖާވާގެ އައްސޭރި ފަށަށް ސްރިވިޖާޔާ ފްލައިޓް އެސް.ޖޭ 182 ވެއްޓުނު ހާދިސާގައިގިނަ ބަޔަކު މަރުވެފައިވެއެވެ. މި ހާދިސާއާ ގުޅިގެން އިންޑޮނީޝިއާގެ ޚާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީއަށް މިނިސްޓަރ ޝާހިދު ފޮނުއްވި ޙަމްދަރުދީގެ މެސެޖުގައި، 60 އަށްވުރެ ގިނަ މީހުން މަރުވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، މިއީ އިންޑަނޭޝިއާއަށް ގައުމީ ހިތާމައިގެ ދަނޑިވަޅެއްކަން ފާހަގަކޮށް އިންޑޮނީޝިއާ ސަރުކާރާއި، ރައްޔިތުންނާ އަދި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި މިނިސްޓަރގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ދަންނަވާފައިވެއެވެ. އަދި ދިވެހިންގެ ތައުޒިޔާ، މި ޙާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ރައްދުކޮށްދެއްވުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.

ހޮނިހިރު ދުވަހު ވެއްޓުނު ސްރިވިޖަޔާ އެއަރގެ ފްލައިޓްގެ ކަޅު ފޮށިތައް މިހާރު ފެނިފައިވާއިރު، މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތްވެސް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ. ކަޅު ފޮށި ފެނުނު ސަރަހައްދުން ފްލައިޓްގެ ބައެއް ބައިތަކާއި ދަތުރުކުރި ބައެއް މީހުންގެ ގުނަވަންތައް ވެސް ފެނިފައިވެއެވެ. ބޯނިއޯއަށް ދަތުރުކުރަމުން ދަނިކޮށް ވެއްޓުނު ބޮއިންގ 737 މަރުކާގެ ބޯޓުގައި އެވަގުތު 62 މީހަކު ތިއްބެވެ.

ކަޅު ފޮށިތަކާއެކު ފްލައިޓް ވެއްޓެން މެދުވެރިވި ސަބަބުތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އެގޮތުން އެއް ފޮށީގައި ފްލައިޓްގެ ކޮކްޕިޓްގައި ދައްކާފައިވާ ވާހަކަތައް ރިކޯޑް ކުރެވިފައިވާއިރު އަނެއް ފޮށީގައި ފްލައިޓްގެ އެކި ޑޭޓާތައް ރައްކާކުރެވިފައިވާނެއެވެ.

ފްލައިޓް ވެއްޓުނު ސަރަހައްދަކީ އެހާ ފުން ސަރަހައްދަކަށް ނުވުމާއި ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ފްލައިޓްގެ އިތުރު ބައިތައް ފެންނާނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް މި ފްލައިޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތުން ހުއްޓައި ފެންނާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.