ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި، ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލަ ބައްލަވާ ހައި ކޯޓުގެ ދެ ފަނޑިޔާރުންނާ ގުޅޭގޮތުން "ޗެނަލް 13" އިން ގެނެސްދިން ކޮންޓެންޓުގައި މައްސަލައެއް ނެތްކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.

ބްރޯޑްކޮމްއަށް ހުށަހަޅާފައިވާ އެ މައްސަލާގައި ބުނެފައިވަނީ ޗެނަލް 13 އިން 19 ޖުލައި 2020 ވީ އާދިއްތަ ދުވަހުގެ ރޭ 22:50 ގައި ގެނެސްދިން "ހަޖަމް" ޕްރޮގްރާމްގައި ކޯޓުގައި ހިނގަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އިސްތިއުނާފްގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކަށް ނިސްބަތްކޮށް "ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޒާހިރު، ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ހައިކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކު ގޮވައިގެން ދެއިރު ދެ ދަޅައަށް ކާރު ދުއްވާ، އެ ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުގައި ހުސްވެފައިވާ މަޤާމު ދެއްވަން ވެގެން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ" ކަމަށް ބުނެ ހަޤީޤަތާ ޚިލާފު ވާހަކަތައް ދައްކާފައިވާތީ، މައްސަލަ ބަލައިދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައެކެވެ. 

ބްރޯޑްކޮމްގެ ނިންމުމުގައި ބުނެފައިވަނީ މި ޝަކުވާއާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތުދީފައިވާކަމަށެވެ. އަދި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛ 19 ޖުލައި 2020 ވީ އާދިއްތަ ދުވަހުގެ ރޭ 22:50 ގައި ގެނެސްދިން "ހަޖަމް" ޕްރޮގްރާމްގެ މުޅި ކޮންޓެންޓަށް ނަޒަރުކުރާއިރު؛ އެ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ ޚިލާފް ކޮންޓެންޓެއް ކަމަށް ބެލެވޭނެ ޖާގައެއްނެތް ކަމަށެވެ. 

މައްސަލަ ނިންމާފައިވަނީ، މައްސަލަ ބެލި ކޮމިޝަންގެ މެމްބަރުންގެ އިއްތިފާޤުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.