ކުރީގެ ރައީސް މައުމޫން އަބްދުއްޤައްޔޫމްގެ ވައިބަރ މެސެޖެއް ލީކްކޮށްލުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަން ކުރެއްވި އަހުމަދު ނިހާނު ހުސެއިން މަނިކު، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ އަތުން މިލިއަން ރުފިޔާ ނެންގެވިކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވެފައިވަނީ މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގެ ތަހުޤީޤްގެ ތެރެއިންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުޤީޤްގެ ތެރެއިން އެނގުނު ގޮތުގައި ވައިބަރ އިން ރައީސް މައުމޫން ފޮނުވި މެސެޖެއް ލީކްްކޮށްލުމަށް އެއް މިލިއަން ރުފިޔާ އާއި، 2014 ވަނަ އަހަރު އެސްކިއު އޮފީސް ކައިރިން ފަސް ލައްކަ ރުފިޔާ އަދި ހަމަ 2015 ވަނަ އަހަރުވެސް އެސްކިއު އޮފީސް ކައިރުން ފަސް ލައްކަ ދީފައިވާނެކަމަށް ތަހުޤީޤްގައި މުހައްމަދު ހުސެއިން ބުނެފައިވެއެވެ.

މި ތުހުމަތުތަކާއި ގުޅޭގޮތުން ނިހާންގެ ބަހެއް ހޯދުމަށް ޖަޒީރާއިން ކުރި މަސައްކަތް ކާމިޔާބުވާގޮތްވެފައެއް ނުވެ އެވެ. ނިހާނަށް ގުޅާލުމުން، ފޯނު ނެންގެވުމަށްފަހު ޖަޒީރާގެ ފަރާތުންކަމަށް ބުނުމާއެކު ފޯނު ވަނީ ކަނޑާލައްވާފަ އެވެ. އަދި ނިހާންގެ ބަހެއް ހޯދުމަށް މެސެޖުކުރުމުން، މެސެޖު ބެއްލެވުމަށްފަހުވެސް ޖަވާބުދެއްވާފައެއް ނުވެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ނިހާންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވެ އެވެ. އޭގެތެރެއިން ބައެއް މައްސަލަތަކުގައި ދައުވާކުރުމަށްވެސް ފޮނުވާފައިވެއެވެ. އެގޮތުން ޑިސެމްބަރު މަހުގެ ތެރޭގައި ދައުލަތުން ވަނީ ނިހާން ހުސެއިން މަނިކުގެ މައްޗަށް ހަ ދައުވާއެއް އުފުލައި ކުރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.

ޕީޖީން ބުނީ ނިހާން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުޤައްރިރުގެ މަޤާމުގައި ހުރިއިރު، މަޤާމުގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ މަސްޢޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުޤާބިލުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޢަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދީފައިވާ ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަޙުޤީޤަށް ހޯދިފައިވާ ކަމަށެވެ. އަދި އަޙްމަދު ނިހާން ޙުސައިން މަނިކުއަށް ލިބިފައިވާ މިފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާ ކަމާށައި މި މައްސަލާގައި އުފުލާފައިވާ ދަޢުވާތަކާ ގުޅިގެން އަޙްމަދު ނިހާން ޙުސައިން މަނިކު ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާއެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

އެޑިޓަރުގެ ނޯޓު:

މި ތުހުމަތުތަކާއި ގުޅޭގޮތުން އަހުމަދު ނިހާން ހުސެއިން މަނިކުގެ ބަހެއް ލިބުމާއެކު، ޖަޒީރާއިން އެ ބަހެއް ހިިމަނާނެ ވާހަކަ ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.