ދެއްވަދޫގައި ބަލި ފެތުރެމުންދާތާ ދުވަސްކޮޅެއް ވެދާނެކަމަށް ލަފާކުރެވޭކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ. ޑރ. ނަޒްލާ މިގޮތަށް ވިދާޅުވީ މިއަދު އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ، މިހާތަނަށް ކްލަސްޓަރއިން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ޓްރޭސިންގ އަށް ބަލާލުމުން ބޮޑަށް ލަފާކުރެވޭ ގޮތުގައި ބަލި ފެތުރުނުތާ މިހާރު ދުވަސްކޮޅެއް ވެދާނެއެވެ. ބަލި އެ ރަށަށް ފެތުރެން މެދުވެރިވި ސީދާ ސަބަބު ނޭނގޭއިރު، މިއީ ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެގެން ވީކަމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ. 

ކުރިން އެޗްއީއޯސީއިން ހާމަކޮށްފައިވާ ގޮތުގައި، ދެއްވަދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވް ވީ 24 ޑިސެމްބަރުގައެވެ. އެހެންނަމަވެސް، ރިޒަލްޓް ފުރިހަމައަށް ލިބުމުގެ ކުރިން އެބޭފުޅުންނަށް ނުބައި މައުލޫމާތެއް ފޯރުކޮށްދިނުމާއި ގުޅިގެން ކަރަންޓީނުން ރިލީޒްކުރެވިފައިވާ ކަމަށާއި އަދި އެމީހުން ރަށުގެ އެހެންމީހުންނާ ބައްދަލުކޮށްފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ. މިއީ ބަލި ފެތުރުނު ގޮތްކަމަށް ކުރިން ގަބޫލުކުރެވުނު ނަމަވެސް، މިރޭ ޑރ. ނަޒްލާ ވިދާޅުވެފައިވާ ގޮތުގައި އެ ރަށަށް ބަލި އިންޓްރޮޑިއުސްވީ އެހެންގޮތަކަށެވެ.

ގއ.ދެއްވަދޫ ކްލަސްޓަރ އިން ފުރަތަމަ ޕޮޒިޓިވްވީ 24 ޑިސެމްބަރުގައެވެ. ދެވަނަ ކޭސް ފެނުނީ 6 ޖެނުއަރީގައެވެ. 7 ޖެނުއަރީގައި 6 ކޭސް އަދި 8 ޖެނުއަރީގައި 5 ކޭސް މި ކްލަސްޓަރ އިން ފެނިފައިވެއެވެ. އެޗްއީއޯސީއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ކްލަސްޓަރ އިން އިއްޔެ ޕޮޒިޓިވްވީ 10 މީހެކެވެ. އަދި މިއަދު 9 މީހުންވެ ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 22 އަށް އަރާފައެވެ.

މީގެ ތެރޭގައި ހިމެނެނީ ދެއްވަދޫއިން 16 މީހަކާއި، ހުޅުމާލެ ފްލެޓްއަކުން 2 މީހަކާއި ލ.ފޮނަދޫއިން 4 މީހެކެވެ. މި ކޭސްތަކުގެ ޖުމްލަ ކްލަސްޓަރގައި 50 އަށްވުރެ ގިނަ ހައި ރިސްކް މީހުން ހިމެނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *