ކޮވިޑް-19 އަށް މިއަދު 44 މީހަކު ޕޮޒިޓިވްވެ، ޖުމްލަ ދިވެހިރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 14،109 އަކަށް އަރައިފިއެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 24 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 4 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 16 މީހެކެވެ.
އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަދު ވަނީ 3،277 ސާމްޕަލް ޓެސްޓް ކުރެވިފައެވެ. މިހާރު ދިވެހިރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 717 އަށް އަރާއިރު، ހޮސްޕިޓަލުތަކުގައި ތިބި މީހުންގެ އަދަދު ވަނީ 52 އަށް އަރާފައެވެ.
ދިވެހިރާއްޖެއިން މިހާތަނަށް 13،336 މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައިވެއެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 49 މީހަކު މަރުވެފައިވެއެވެ.