އެފްއޭއެމްގެ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު އިފްތިތާޚް ކޮށްދެއްވުން -- ފޮޓޯ: ރައީސް އޮފީސް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ އިފްތިތާޚް ކޮށްފިއެވެ.

މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޕޮލިސީ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަރސްޓް ލޭޑީ ފަޒްނާ ވަނީ ޗައިލްޑް ސޭފްގާޑިންގެ މުހިންމުކަން ފާހަގަކުރައްވައި ކުޅިވަރުގެ ތެރެއިން މި ކަމަށް ޙައްލެއް ހޯދަން ދުރާލާ ވިސްނާ މިކަން ފެށީތީ އެފްއޭއެމްގެ އިތުރުން މި ޕޮލިސީ އެކުލަވާލުމުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހަމަ އެހެންމެ ކުޑަކުދިންނާ ގުޅޭ މުހިންމު ޕޮލިސީއެއް އެކުލަވާލުމުގައި އެ ކުދިންގެ މަޝްވަރާ އާއި ބައިވެރިވުން ހޯދާފައިވާތީ އެކަންވެސް އެކަމަނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ފަރސްޓް ލޭޑީގެ ވާހަކަފުޅުގައި ޗައިލްޑް ސޭފްގާޑިން އަދި ޗައިލްޑް ޕްރޮޓެކްޝަންގެ ތަފާތުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ. އަދި ޚާއްޞަގޮތެއްގައި، ކުދިން ސޭފްގާޑް ކޮށްދިނުމުގެ މަޤްޞަދަކީ ނުރައްކާތެރިކަމަށް ކުދިން ހުށަހެޅުމުގެ ފުރުޞަތު ނުދީ ރައްކާތެރިކަމުގެ ވެށީގައި ކުދިން ދެމެހެއްޓުންކަން ފާހަގަކުރައްވައި ކުޅިވަރުގެ ތެރޭގައި ހަރުދަނާ ޗައިލްޑް ސޭފްގާޑިން ފިޔަވަޅުތަކެއް އެކަށައަޅާފައި އޮތުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މި ޕޮލިސީ އިފްތިތާޙްކުރުމަށް އިޝާރާތްކުރައްވާ ފަރސްޓް ލޭޑީ ފަޒްނާ ވަނީ މިއީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަމަލުކުރަން ފެށިފަހުން އައި އެންމެ އުފާވެރި އެއް ދުވަސްކަން ފާހަގަކުރައްވާފައެވެ.

އެފްއޭއެމްގެ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ އިފްތިތާޚް ކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ކުޅިވަރުގެ މާހައުލުގައި އުޅޭއިރު ކުއްޖަކަށް ޖިސްމާނީ ނަފްސާނީ ނުވަތަ އެހެންގޮތަކުން ނަމަވެސް އަނިއާއެއް ދީފާނެ މީހަކުގެ ކިބައިން ސަލާމަތްވުމަށް އުނދަގޫވެދާނެ އެތައް ޙާލަތެއް ކުރިމަތިވެދާނެކަން ފާހަގަކުރައްވައި، މިފަދަ ޕޮލިސީއެއް އޮތުމުން ކުދިންގެ އިތުރުން ކޯޗުންނާއި އަދި އެ ތަންތަނުގެ މެނޭޖްމަންޓަށްވެސް އޭގެ ފައިދާކުރާނެކަން ފަރސްޓް ލޭޑީ ފަޒްނާ ފާހަގަކުރެއްވިއެވެ. އެގޮތުން ޕޮލިސީއެއް އޮތުމުން، ކަންކުރަންވީ ގޮތަކީ ކޮބައިކަމާއި ނުކުރަންވީ ކަންކަން އެންމެންނަށްވެސް އެނގިފައި އޮންނާނެކަމަށާއި އަދި ކަންބޮޑުވާ ކަމެއް ދިމާވެއްޖެނަމަ އެކަން ރިޕޯޓްކުރަންވީގޮތާއި އެހީތެރިކަން ހޯދަންވީގޮތް ކުދިންނާ ކޯޗުންނަށްވެސް އެނގިފައި އޮންނާނެކަން ފާހަގަކުރައްވައި، އެފަދަ ބައެއް މިސާލުތަކަށްވެސް އެކަމަނާ އަލިއަޅުވާލެއްވިއެވެ.

ފަރސްޓް ލޭޑީ ފަޒްނާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ އެފްއޭއިމްއާއި އާރކް ގުޅިގެން ފެށި މި މަސައްކަތް ހަރުދަނާވެ ނަތީޖާ ނެރުމަށް ކޮންމެ ދުވަހަކު އިސްކަންދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ކުޅިވަރު އެހެން އެސޯސިއޭޝަންތަކުން ވެސް މިކަމުގައި އިސްނަގައި ކުޅިވަރު މައިދާނަކީ ހާމަކަންބޮޑުގޮތެއްގައި ކުދިންނަށް ރައްކާތެރިކަންލިބޭ، އިތުބާރާއެކު އެކުދިންގެ ކަންބޮޑުވުންތައް ހިއްސާކުރެވޭނެ މައިދާނެއް ކަމުގައި ހެދުމަށް  އެކަމަނާ ގޮވާލެއްވިއެވެ.

އެފްއޭމްގެ ޗައިލްޑް ސޭފްގާޑިން ޕޮލިސީއަކީ އެފްއޭއެމް ފައުންޑޭޝަން އަދި އެފްއޭއެމްއާ އާރކް ޖަމުޢިއްޔާ ގުޅިގެން އަދި ޔުނިސެފް މޯލްޑީވްސްއާ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުގެ ބައިވެރިވުމާއެކު އެކުލަވާލާފައިވާ ޕޮލިސީއެކެވެ. މި ޕޮލިސީގެ މައިގަނޑު ބޭނުމަކީ ފުޓްބޯޅައިގައި ބައިވެރިވާ ހުރިހާ ކުދިންނަކީވެސް ، ކުޑަކުދިންނަށް ކުރާ، އަނިޔާއާއި، އެކުދިންނަށް ވާ އިހުމާލާއި، އެ ކުދިންނަށް ކުރިމަތިވާ ހަނގާކުރުންފަދަ ކަންކަމުން ރައްކާތެރިވެ ތިބެ ފުޓްބޯޅައިގައި ބައިވެރިވާކުދިން ކަމުގައި ހެދުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *