އެޗް.ޑީ.ސީ އިން ތިލަފުށީގައި ކުރަމުންދާ ބައެއް މަސައްކަތްތައް ބައްލަވައިލެއްވުމަށް އެ ރަށަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މިއަދު މެންދުރުފަހު ނައިބްރައީސް ފައިސަލް ތިލަފުއްޓަށް ކުރެއްވި މި ޒިޔާރަތުގައި ވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނާ ގުޅޭ ޕްރެސެންޓޭޝަނެއް ބައްލަވައިލައްވައި، އެކަމާއިގުޅޭ މައުލޫމާތު ސާފުކުރައްވާފައެވެ.
މީގެއިތުރުން ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ހިއްކާ ސަރަހައްދާއި، ތިލަފުށީގައި އެޗް.ޑީ.ސީ.އިން ޤާއިމުކޮށްފައިވާ ކެމިކަލް ގުދަންތައް ބައްލަވައިލެއްވުމުގެ އިތުރުން އެމް.ޓީ.ސީ.ސީގެ އޮފީސް ސަރަޙައްދާއި، ޑޮކްޔާޑެއްވެސް އެމަނިކުފާނު ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މާލޭގައި ކެމިކަލް ގުދަނެއް ގޮވައިގެން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާޔާ ގުޅިގެން މާލޭ ސަރަޙައްދުގެ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކޮށްފައި ވާއިރު، ތިލަފުށީގައި އެޗް.ޑީ.ސީ އިން ހިންގާ ކެމިކަލް ގުދަނުގައި 34 ޔުނިޓެއް ވަނީ ގާއިމުކޮށްއިފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އެ އޮފީހުން ބުނީ، މި ޔުނިޓްތަކަކީ އަމިއްލަ ފަރާތްތަކަށް ވިޔަފާރީގެ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ޔުނިޓްތަކެކެވެ.
އެޗް.ޑީ.ސީ އިން އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްގެން ތިލަފުށީ ދެވަނަ ފިޔަވަހީގައި ހިއްކުމަށް ހަމަޖެހިފައިވަނީ 127 ހެކްޓަރުގެ ބިމަކަށްވާއިރު، މި ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށީ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނާ އެއްގޮތަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.