ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސޯލިހު އެކުވެނި ސިންތެޓިކް ޓްރެކް ބައްލަވާލައްވައިފިއެވެ. 

އެމަނިކުފާނު އަލަށް ތަރައްގީ ކުރެވުނު ސިންތެޓިކް ޓްރެކް ބައްލަވާލެއްވީ ރޭގެ ވަގުތެއްގައެވެ. އެމަނިކުފާނާއެކު ޓްރެކް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފާއި، އެ މިނިސްޓްރީގެ އިސްވެރިންނާއި، އެތުލެޓިކްސް އެސޯސިއޭޝަންގެ އިސްވެރިންގެ އިތުރުން ގައުމީ އެތުލެޓިކްސް ޓީމުގެ ކުރީގެ އެތުލީޓުންނާއި ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ ކަމަށް ހަސަން ސާއިދު ވެސް ބައިވެރިވެފައިވެއެވެ.

އެކުވެނި ސިންތެޓިކް ޓްރެކް މި ހަފްތާގެ ތެރޭގައި ހުޅުވިގެންދާއިރު މިއީ މި ފެންވަރަށް ރާއްޖޭގައި ތަރައްގީ ކުރެވުނު ފުރަތަމަ ސިންތެޓިކް ޓްރެކެވެ. އާއްމުންނަށް ބޭނުންކުރެވޭ ގޮތަށް ވަރަށް އަވަހަށް ޓްރެކް ހުޅުވާލާއިރު އުސޫލުތަކެއް އާއްމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެއީ މިއީ އެތުލެޓިކްސް އެެސޯސިއޭޝަނާއި ކްރިކެޓް ބޯޑުން ވެސް ފަރިތަކުރުންތައް ކުރިޔަށްގެންދާ ބިން ކަމަށް ވެފައި އާއްމުންގެ ތެރެއިން ވެސް ގިނަ ބަޔަކު ބޭނުންކުރާ ތަނަކަށް ވުމުންނެވެ. އެހެން ނަމަވެސް ކުރިޔެކޭ ވެސް އެއްގޮތަށް އެއްވެސް ދަތިކަމެއް ނެތި އާއްމުންނަށް އެތަން ބޭނުންކުރެވޭނެ ކަމަށް ސްޕޯޓްސް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

މި ޓްރެކްގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ފައްޓަވައި ދެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާއެވެ. މި މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.

1996 ވަނަ އަހަރު ގާއިމްކުރެވުނު ޓްރެކް އަލުން މަރާމާތުކޮށް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް މަސައްކަތް ފެށީ މިއަހަރުގެ ތެރޭގައެވެ. ސިންތެޓިކް އެޅުމުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓް ކުރެވުނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން (ޕޮލްވެކް) އާއެވެ. ޖުމްލަ 12،543،231.75 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގައި 9،200 ސްކޮޔަރ މީޓަރުގެ ސަރަހައްދެއްގައި ސިންތެޓިކް ޓްރެކް އަޅާފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.