ސަރުކާރު ހިންގާ ކޯލިޝަނުގައި ދެބަސްވުންތައް ގިނަ ނަމަވެސް، ކޯލަޝަން އޮތީ ބަދަހިކޮށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މި ބީދައިން ވާހަކަ ދެއްކެވީ އިންޑިއާގެ އެންމެ ބޮޑު އެއް ނޫސް ކަމަށްވާ "ދަ ހިންދޫ" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. ރައީސް ވަނީ ކޯލިޝަންގެ މުސްތަގްބަލަށް މި އިންޓަވިއުގައި އަލިއަޅުއްވާލާފައެވެ.

އެގޮތުން، ރައީސް ޞާލިހު ވަނީ ސަރުކާރު ހިންގާ ކޯލިޝަނަކީ ވަރަށް ތަފާތު ވިސްނުމުގެ ބޭފުޅުން އެކުލެވިގެންވާ ކޯލިޝަނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މީގެ ސަބަބުން ދޭތެރެދޭތެރެއިން އަބަދުވެސް ދެބަސްވުންތައް އުފެދޭކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ކޯލިޝަނުން ކުރިމަތިލީ "ޖަޒީރާ ރާއްޖެ" ނަމުގައި މުހިންމު މެނިފެސްޓޯއަކާއެކު ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މެނިފެސްޓޯގައި ހުރި ކަންތައްތައް ހަގީގަތަކަށް ހެދުމުގައި ކޯލިޝަނުގެ ހުރިހާ މެންބަރުންވެސް ވަރަށް ގުޅިގެން މަސައްކަތްކުރައްވާ ކަމަށެވެ.

މީގެއިތުރުންވެސް، ފާއިތުވި ދެ އަހަރުގެ ތެރޭގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ކޯލިޝަން ދެމެހެއްޓުނު ކަން ރައީސް ޞާލިހު ފާހަގަކުރެއްވިއެވެ. ކުރިމަގުގައިވެސް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވާނެކަމަށާއި، އެހެންނަމަވެސް ވާހަަކަދައްކައިގެން އެ މައްސަލަތައްވެސް ހައްލު ކުރެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

ސަރުކާރުގެ ބައެއް ނިންމުންތަކާއި ދެކޮޅަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަމުން ގެންދަވާތީ އޭގެ ސަބަބުން ސަރުކާރަށް ކުރާނެ އަސަރާއި ގުޅޭގޮތުންވެސް "ދަ ހިންދޫ"އިން ވަނީ ރައީސް އާ ސުވާލުކޮށްފައެވެ. ވަކިން ހާއްސަކޮށް ބައެއް މިނިސްޓަރުންނަށް ކޮރަޕްޝަންގެ ތުހުމަތު ރައީސް ނަޝީދު ކުރައްވާތީ ސިޔާސީ ގޮތުން ސަރުކާރު ބަލިކަށިވޭތޯ އެއްސެވުމުން އެކަމަށް ރައީސް ޞާލިހު ވަނީ އިންކާރުކޮށްފައެވެ.

އެގޮތުން، ކޮރަޕްޝަން ހުއްޓުވައި މިނިވަން މުއައްސަސާތައް ހަރުދަނާކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އަދި މި ސަރުކާރުން އެއްވެސް ކޮރަޕްޝަންގެ އަމަލެއް ތަހުގީގުކުރުމަށް ފަސްނުޖެހޭނެ ކަމުގައިވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

"ދަ ހިންދޫ"އަށް ރައީސް ދެއްވި ހާއްސަ އިންޓަވިއުގައި ފާއިތުވި ދެ އަހަރު ދުވަހު ސަރުކާރަށް ހޯދުނު ކާމިޔާބީތަކާއި، ޚާރިޖީ ސިޔާސަތު ބައްޓަންކުރުމަށް ނިންމާފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވާފައިވެއެވެ. މީގެ އިތުރުންވެސް، މި ސަރަހައްދުގެ ހަމަޖެހުން ގާއިމްކުރުމަށް ގައުމްތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.