މަތިމަައްޗަށް ދައުވާކުރިޔަސް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ސިޔާސީ މަސައްކަތެއް ހުއްޓާނުލާނެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފި އެވެ.

ޕީއެންސީގެ ރައީސް އަދުރޭ އާއި ގުޅޭގޮތުން، ހަޑިހުތުރު އެއްޗެއް ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރިކަމަށް ބުނެ ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ އަޑުއެހުމެއް އެކޯޓުގައި މިމަހުގެ 31 ވަނަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ. 

އަދުރޭގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާ ކޮށްފައިވަނީ އާންމު ތަނެއްގައި ބޭއަދަބީ ބަސް ބޭނުންކޮށްގެން ވާހަކަ ދެއްކެވި މައްސަލައެއްގައެވެ. އެއީ ރައީސް އަބްދުﷲ ޔާމީންއަށް ހުކުމް އިއްވި ދުވަހު، އަދުރޭ، ކޯޓުގެ ގާޒީންނަށް މުހާތަބުކޮށް ދެއްކެވި ވާހަކައެއްގައެވެ.

އޭގެފަހުން އޭނާ ފުލުހަށް ހާޒިރު ކުރި ދުވަހެއްގައި ވެސް ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފައިވާތީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވެއެވެ. އެ ދުވަހު ވެސް އަދުރޭ ވާހަކަ ދެއްކެވީ ލައިވް ޓީވީގައެވެ. 

އެ މައްސަލާގައި ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ކޯލިޝަންގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންވާ ބޭފުޅުންނާއި ކޯލިޝަނަށް ނިސްބަތްވެވަޑައިގަންވާ ބޭފުޅުންނާ ގުޅޭގޮތުން ތަފާތު ވައްތަރުގެ މައްސަލަތައް އުފައްދާ ދައުވާކުރުމަށް ކޯޓުތަކަށް ހުށަހަޅަމުން ގެންދަނީ ސަރުކާރު ބަލިކަށިވެ ރައްޔިތުންގެ ތާއީދު ގެއްލި ރައްޔިތުންގެ ނަފްރަތު އިތުރުވާތީކަމަށެވެ. އަދި މިވަގުތު ޖުޑީޝަރީގައި އޮތް ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ކޯލިޝަންގެ ވެރިންނާއި ޢާންމު މެންބަރުންނަށް ތަފާތު ދައުވާތައްކޮށް ޙުކުމް ކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކޯލިޝަނަށް ލިބިގެންދާނެ ބޮޑު ކާމިޔާބީ ތަޞައްވުރު ކުރެވޭތީ ކަމަށް ބަޔާނުގައިވެއެވެ. 

"މިކޯލިޝަން ހިންގުމާއި ޙަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ އަކީ ސިޔާސީ ގޮތުން ދައްކާހާ
ބިރަކަށް ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫނެވެ. މަތި މައްޗަށް ދައުވާ ކުރެއްވިނަމަވެސް
އެމަނިކުފާނުގެ ސިޔާސީ މަސައްކަތް ހުއްޓަވާ ނުލައްވައި ކުރިއަށް ވަޑައިގަންނަވާނީ
ސާބިތުކަމާއެކު އެވެ." ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެއެވެ. 

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް ބޭފުޅަކީ ސަރުކާރުން ދައްކާ ބިރަކަށް ފަސް ޖެހޭނެ ބައެއް ނޫންކަމަށެވެ. އަދި އެއްވެސް ފަސްޖެހުމެއް ނެތި، ކޯލިޝަނުން އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށާއި އަދި ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބު ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި ކޯލިޝަން ނުކުންނާނީ ކުރިއަށްވުރެވެސް ވަރުގަދަކޮށް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.