ރައީސް ސޯލިހް ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ އަޙްމަދު ފައުޒާން ވަކިވެގެން އެ ދިޔައީ ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކުވައިދީފައިކަމަށެވެ. އަދި އޭނާގެ އެ ޤުރުބާނީން ޤައުމު ރޮއްވައިލާފައިކަމަށެވެ. އެމަނިކުފާނުގެ ދުޢާއަކީ ފައުޒާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުންކަމަށެވެ.
ނައިބް ރައީސް ފައިސަލް ނަސީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުވައްމުލަކު ސްކޫލްގެ ދަރިވަރު އަޙްމަދު ފައުޒާން އެންމެފަހު ވަގުތުވެސް ދައްކުވައިދިނީ، ތިމާގެ އަމިއްލަ ނަފުސަށް ވުރެ އެނެކާ ސަލާމަތް ކުރުމުގެ ވަރުގަދަ ހިތްވަރުކަމަށެވެ.
އުމުރުން 17 އަހަރުގެ ފައުޒާން މޫދަށް ފުންމާލީ އެ ރަށު މާނޭރެ އަތިރި ސަރަހައްދުން މޫދަށް ދިޔަ 2 އަންހެން ކުއްޖަކު އޮޔާދާތީ ސަލާމަތްކުރުމަށެވެ. އެ ކުދިން ސަލާމަތްކޮށް ފަރުމައްޗަށް އެރުވީ ފައުޒާން އެކަންޏެވެ. އެހެންނަމަވެސް، އޮޔާ ދެކޮޅަށް ފަތައި އެ ކުދިން ފަރުމައްޗަށް އެރުވުނު އިރު ވަރުބަލިކަން އިހުސާސްކުރެވެން ފަށައިފިއެވެ. އަމިއްލައަށް ތޮށިގަނޑު މައްޗަށް އެރުމުގެ ހިއްވަރެއްވެސް ގައަކުނެތެވެ. އޭނާގެ ފަހުބަހަކަށްވީ، "ވަރަށް ޓަޔަރޑް ވެއްޖެ. ދެން ނުވާނެ" މިއެވެ.
ފައުޒާން ގެއްލުނު ކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހަވީރު 04:47 ހާއިރުއެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފެށުނުތާ ގާތްގަނޑަކަށް 1 ގަޑިއިރު ފަހުން، 05:50ގައި ފެނުނު އެވެ. އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ވިންދު ހުރިކަމަށް އެ ރަށު ހޮސްޕިޓަލުންވެސް ބުނެއެވެ. އެހެންނަމަވެސް، އޭނާގެ ހޮސްޕިޓަލަށް ގެންދެވުނުތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފައުޒާން ވަނީ ނިޔާވެފަ އެވެ.