ދިވެހިރާއްޖޭގެ ޚާރިޖީ ގުޅުންތަކާއި ދެކޮޅަށް ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް މަސައްކަތްކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސިފަކުރައްވައިފިއެވެ. 

އެމަނިކުފާނު މި ބީދައިން ވާހަކަ ދެއްކެވީ އިންޑިއާގެ އެންމެ ބޮޑު އެއް ނޫސް ކަމަށްވާ "ދަ ހިންދޫ" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. ރައީސް ސޯލިހު ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ވަރަށް ތަފްސީލުކޮށް މި އިންޓަވިއުގައި އަލިއަޅުއްވާލައްވާފައެވެ. 

އިންޑިއާ ސަރުކާރުގެ ފަރާތުން މާލީ ގޮތުން އަދި ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގުމަށް ރާއްޖެއަށް ވަމުންދާ އެހީތެރިކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވަނީ އިންޑިއާގެ އިތުރުން އެހެން ގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުންތައް ވެސް އިތުރަށް ބަދަހިވެގެންގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ ސަރުކާރުން ހުރިހާ ފަރާތްތަކާއި އެކު ވެސް ގުޅުން ބަދަހިކުރައްވާނެ ކަމަށާއި އަދި ގިނަ ފަރާތްތަކަކުން ރާއްޖޭގައި އިންވެސްޓްކޮށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

މުސްތަގިއްލު ގައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރަމުން އައި އިހުތިރާމް އިތުރުވެ ގައުމީ ސަލާމަތަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެން ދިޔައީ އެއް ގައުމަށް ބަރޯސާވާ ޚާރިޖީ ސިޔާސަތަކުން ގާތް އެކުވެރި ގައުމުތަކާއި ގުޅުން ބަދަހިކުރަން ރާއްޖެއިން ފެށި ހިސާބުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން އިންޑިއާއެކު ސޮއިކޮށްފައިވާ އެގްރީމަންޓްތަކަށް ވެސް މި ސަރުކާރުން އިހުތިރާމްކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި އަދި އެހެނިހެން ސިޔާސަތުތަކާއި ގުޅިގެން ފާޅުކުރަމުންދާ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް މަރުހަބާ ވިދާޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޚާރިޖީ ގުޅުންތައް މިފަދަ ދަތި ދަނޑިވަޅެއްގައި ވަރަށް މުހިންމުކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ގުޅުންތަކާއި ދެކޮޅަށް ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށް މަސައްކަތްކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.