ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަށްފަހު ސުކޫލުތައް ހުޅުވިގެންދިޔުމަކީ ދަރިވަރުންނަށް އުނގެނުމަށް ލިބުނު އިތުރު ފުރުސަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

2021 ވަނަ އަހަރަށް ސުކޫލްތަކުގެ ކިޔަވައިދޭން ފަށާފައިވާއިރު ރައީސް ސޮލިހް ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ސްކޫލްތައް އަލުން ހުޅުވިގެންދިއުމަކީ ދަރިވަރުންނަށް އެކުދިންގެ ކުރީގެ ރައްޓެހިންނާއި އަލުން ބައްދަލުވެ، އައު ރައްޓެހިންވެސް ހޯދުމަށް ލިބިގެންދާނެ ފުރުޞަތެއްކަމަށެވެ. އަދި ދަރިވަރުންނަށް އުނގެނުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެކަމަަށާއި، ދަރިވަރުންނާއި، ޓީޗަރުންނާއި ބެލެނިވެރިންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މިއަދު މާލޭގެ ސްކޫލްތައް ހުރިހާ ގްރޭޑަކަށް ހުޅުވިގެން މިދިޔައީ ކޮވިޑާ ގުޅިގެން ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ބަންދުގައި އޮތުމަށްފަހުއެވެ. މާލޭގައި ސްކޫލްތަކަށް ހާޒިރުވަމުން ދިޔައީ މަތީ ގްރޭޑްތަކުގެ ދަރިވަރުންނެވެ. ނަމަވެސް މިއަދު ވަނީ ހުރިހާ ގްރޭޑަކަށް ސްކޫލްތައް ހުޅުވާލާފައެވެ.

ރަށްރަށުގައި ސްކޫލްތައް ހުޅުވިގެން މިދިޔައީ ދޮޅު މަހެއްހާ ދުވަހުގެ ބޮޑު ބަންދަކަށްފަހުއެވެ. މިއަދު ހުޅުވިގެން މިދިޔައީ މިދިޔަ އަހަރުގެ ދެވަނަ ޓާމެވެ. ދިރާސީ އާ އަހަރު ފެށޭނީ މި އަހަރުގެ މެދު ތެރޭގައެވެ.

ސްކޫލްތަކަށް ދަރިވަރުން ހާޒިރުވަނީ ހާއްސަ ފިޔަވަޅުތަކާއެކުއެވެ. އެގޮތުން ދަރިވަރުން ހުރިހާ ގަޑިއެއްގައި ވެސް ތިބޭނީ މާސްކު އަޅައިގެންނެވެ. ކްލާސްރޫމް ތެރޭގައި ވެސް ތިން ފޫޓްގެ ގައިދުރުކަން ހުންނާނެއެވެ. ސްކޫލަށް ވަންނާނީ ހުން ބެލުމަށްފަހުއެވެ.

ޓީޗަރުން ވެސް ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން ތިބޭއިރު، މާސްކު ބްރޭކަށް ގައިދުރުކަމާއެކު ދަރިވަރުންނަށް ދޭނެއެވެ. މި ފިޔަވަޅުތަކާއެކު ސްކޫލްތައް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.