ލޯކަލް ކައުންސިލް އިންތިހާބު އޮބްޒާވް ކުރުމަށް ބޭރުގެ ފަރާތްތަކަށް ފުރުސަތު ދޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މި އިންތިހާބަށް އެންމެ ފުރަތަމަ އޮތީ ބޭރުގެ އޮބްޒާވަރުން ބައިވެރިނުކުރާ ގޮތަށެވެ. ނަމަވެސް ޝަރީފް ވިދާޅުވީ މިހާރު އެކަން ބަދަލުކޮށް ބޭރުގެ ފަރާތްތަކަށް ވެސް ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. ބޭރުގެ އޮބްޒާވަރުންނަށް ހާއްސަ ގައިޑްލައިނެއް އެކުލަވާލާނެ ކަމަށް ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ އަންނަ އޭޕްރީލްގައި ބާއްވާ އިންތިހާބަށް އޮފިޝަލުން ހޯދުމަށް ވެސް އިއުލާން ކޮށްފައެވެ. އޭޕްރީލްގައި ބާއްވާ އިންތިހާބަށް އޮފިޝަލުންގެ ގޮތުގައި 4000 - 5000 އަދަދަށް މީހުން ބޭނުންވާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެމީހުން ތަމްރީނު ކުރުމަށް މިފަހަރު ދަތިތަކާ ކުރިމަތިވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އޮފިޝަލުންނަށް އެލެވެންސެއް ލިބޭނެއެވެ. މިކަމަށް އެދުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ނަމަވެސް ކޮވިޑާއެކު އައި ލޮކްޑައުންއާ ގުޅިގެން އިންތިހާބު ފަސްކުރިއެވެ. އެއަށްފަހު ކައުންސިލަރުންގެ ދައުރު ދަންމާލިއެވެ.
މިހާރު ވަނީ އިންތިހާބު ފަސްކުރުމާ ގުޅޭ ގާނޫނެއް ވެސް ހަދާފައެވެ. އޭގައިވާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބެއް ނުބޭއްވޭނެއެވެ. އިލެކްޝަން ކޮމިޝަނުން ދިޔައީ މާޗް މަހު އިންތިހާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް އެ ތާރީހެއް އިންތިހާބު ބޭއްވޭ ގޮތެއް ނުވިއެވެ.
މިއަދު އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީ ކުރާ ކޮމިޓީތަކުގެ އިންތިހާބު އޭޕްރީލް މަހު އޮންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގާނޫނު ބަދަލުކޮށްގެން ވިޔަސް އިންތިހާބު އަވަހަށް ބޭއްވުމަށް ގޮވާލައްވާފައެވެ.