މަގުމައްޗަށް ކުނި ނެރޭ ވަގުތަށް ބަދަލުގެނައުމުންވެސް، ދުވާލު މަގުމައްޗަށް ކުނި ނެރޭތީވެ އެކަން އެގޮތަށް ނުކުރުމަށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އިލްތިމާސްކޮށްފި އެވެ.

މިއަދުން ފެށިގެން މަގުމައްޗަށް ކުނި ނެރޭ ވަގުތަށް ބަދަލު ގެނެސްފައިވާއިރު، މިއަދުން ފެށިގެން މަގުމައްޗަށް ކުނި ނެރެންޖެހޭނީ ރޭގަނޑު 10:00 އިން 12:00 އަށެވެ. އެ ބަދަލު ގެނެސްފައިވަނީ ދުވާލުގެ ވަގުތުތަކުގައި މަގުމައްޗަށް ކުނި ނެރެ، މަގުތައް ގޮނޑުކުރާ މައްސަލައަށް ހަލެއް ލިބޭތޯ އެވެ. 

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހެނދުނުއްސުރެ މަގުމައްޗަށް ކުނި ނެރެމުންދާކަން ފާހަގަކުރެވޭކަމަށެވެ. އަދި 10:00ގެ ކުރިން މަގުމައްޗަށް ކުނި ނުނެރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ. 

ކޮވިޑް-19ގެ ސަބަބުން މާލެ ސިޓީ ފުރަބަންދުކުރުމާއި ގުޅިގެން ވެމްކޯއިން ކުނި ނަގަމުން އައި ގޮތަށް އެ ކުންފުނިން ގިނަ ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން މެންދުރު 12:00 އާއި 02:00 އާ ދޭތެރޭ ގޭބިސީތަކުން ކުނި ނެރުމަށް ކުރިން އަންގާފައިވީ ނަމަވެސް، އެ ނިންމުމަށް މިހާރު ވަނީ ބަދަލު ގެނައުމަށް ނިންމާފައެވެ.

ވެމްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި، މިއީ މެންދުރު ކުނި ނެގުމުގެ ސަބަބުން މާލެ ސިޓީގެ މަގުތައް ބާރުބޮޑުވުމަށް ހައްލެއް ހޯދުމުގެ ގޮތުން ނިންމާފައިވާ ނިންމެވުމެކެވެ. އެގޮތުން، މާދަމާއިން ފެށިގެން ގޭބިސީތަކުން ކުނި ނެރުމަށް އަންގާފައިވަނީ 22:00 އާ 00:00 އާ ދޭތެރޭގައެވެ. ކުރިއެކޭވެސް އެއް ފަދައިން، ކުނި ކަލެކްޓް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ގެއެއްގެވެސް ބޭރުންނެވެ.

ވެމްކޯއިން ކުނި ކަލެކްޓް ކުރުމަށް ހަމަޖެހިފައިވަނީ މެންދަމު 00:00 ގެ ފަހުންނެވެ. އެ ކުންފުނީގެ އަމާޒަކީ ފަތިސް ނަމާދުގެ ކުރިން މާލޭގެ ގެތަކުން ކުނި ނަގައި، މަގުތައް ސާފުކޮށް ނިންމުމަށެވެ. މި މަސައްކަތުގައި ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދެއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.