އަދާލަތު ޕާޓީގެ ރައީސްކަމަށް އަންހެނުންނަށް ކުރިމަތިނުލެވޭގޮތަށް އޮތްއޮތުން އިސްލާހްކޮށް، ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

އަދާލަތު ޕާޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚު 30 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހަށް ބަދަލުކުރުމަށް ނިންމާފަައިވާކަމަށެވެ. ކުރިން އިންތިހާބު ބާއްވަން ނިންމާފައިވަނީ ޖެނުއަރީ މަހުގެ 23 ގައެވެ.

އިއުލާންގައި އިތުރަށް ބުނެފައިވަނީ ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 42.1 ވަނަ މާއްދާގެ ދަށުން ޕާޓީގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް، 08 ޖެނުއަރީ 2021 ވަނަ ދުވަހު ބޭއްވުނު މަޝްވަރާ މަޖިލީހުން ބަދަލު ގެނެސްފައިވާތީ، އިންތިޚާބަށް ކުރިމަތިލުމަށް 01 ޖެނުއަރީ 2021 ގައި ކޮށްފައިވާ ނަންބަރު: AP-IUL/2021/01 އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް ކުރިމަތިލުމަށް އަލުން ހުޅުވައިލާކަމަށެވެ.

ޕާޓީގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުން 17 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ޢަދާލަތު ޕާޓީގެ މައި އޮފީހަށް ހުށަހަޅަންވާނެކަމަށް އިއުލާންގައި ބުނެފައިވެއެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ 13 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ، ޕާޓީގެ ކޮންމެ މެންބަރަކަށެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް އާދެވޭ ގޮތަށް އިސްލާހް ހުށަހެޅީ ޕަޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުﷲ އެވެ. އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސްގެ ކިބާގައި ހުރުން ލާޒިމު ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށްވުން ހިމަނާފައި އޮތީ ދީނުގައި ލާޒިމު ކަމަކަށް ނުވިޔަސް، ޕާޓީ އުފެދުނުއިރު ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި މީޙުން ބޭނުންވީ އެގޮތަށް ކަމަށް ޕާޓީގެ ލީޑާޝިޕްގައި އޭރު ތިއްބެވި ބޭފުޅުންނަށް ފެނިވަޑައިގަތުމުން ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު އަދާލަތު ޕާޓީ ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލާ ޕާޓީ އިތުރަށް ހުޅުވާލާ އެޕާޓީގެ އެންމެ އިސް ސަފުގައި އަންހެނުންނަށް ހަރަކާތްތެރިވުަށް އޮތް ފުރުސަތު އިތުރަށް ފަހިކުރުމަށް އަދާލަތު ޕާޓީގެ ރައީސްގެ ކިބާގައި ހުރުން ލާޒިމުކުރާ ސިފަތަކުގެ ތެރެއިން ފިރިހެނަކަށްވުން އުނިކުރަން އިސްލާހު ހުށައަޅާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.