ލޯކަލް ކައުންސިލް އިންތިހާބަށް އިލެކްޝަން ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާނެ މީހުން ހޯދުމަށް އިއުލާންކޮށްފިއެވެ. 

އިންތިހާބު ބޭއްވުމަށް މިހާރު ތައްޔާރުވަމުން ދަނީ އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހަށެވެ. 

އޭޕްރީލްގައި ބާއްވާ އިންތިހާބަށް އޮފިޝަލުންގެ ގޮތުގައި 4000 - 5000 އަދަދަށް މީހުން ބޭނުންވާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެމީހުން ތަމްރީނު ކުރުމަށް މިފަހަރު ދަތިތަކާ ކުރިމަތިވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. 

އޮފިޝަލުންނަށް އެލެވެންސެއް ލިބޭނެއެވެ. މިކަމަށް އެދުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. 

މި އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ނަމަވެސް ކޮވިޑާއެކު އައި ލޮކްޑައުންއާ ގުޅިގެން އިންތިހާބު ފަސްކުރިއެވެ. އެއަށްފަހު ކައުންސިލަރުންގެ ދައުރު ދަންމާލިއެވެ.

މިހާރު ވަނީ އިންތިހާބު ފަސްކުރުމާ ގުޅޭ ގާނޫނެއް ވެސް ހަދާފައެވެ. އޭގައިވާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބެއް ނުބޭއްވޭނެއެވެ. އިލެކްޝަން ކޮމިޝަނުން ދިޔައީ މާޗް މަހު އިންތިހާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް އެ ތާރީހެއް އިންތިހާބު ބޭއްވޭ ގޮތެއް ނުވިއެވެ.

މިއަދު އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީ ކުރާ ކޮމިޓީތަކުގެ އިންތިހާބު އޭޕްރީލް މަހު އޮންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގާނޫނު ބަދަލުކޮށްގެން ވިޔަސް އިންތިހާބު އަވަހަށް ބޭއްވުމަށް ގޮވާލައްވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.