އައު އަހަރަށް ސުކޫލުތައް ހުޅުވާއިރު ހުރިހާ ދަރިވަރުން ސުކޫލަށް ދިޔުން ވަރަށް މުހިންމުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 10، މާދަމާ އެވެ. 

އެޑިއުކޭޝަން މިނިސްޓަރުގެ އިންޓަވިއު ހިމެނޭ ޖަޒީރާގެ ވިޑިއޯ ކްލިޕަކާއެކު ސުކޫލުތައް ހުޅުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް މަރުހަބާ ދަންނަވައި، ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާދަމާ ސުކޫލުތައް ހުޅުވޭއިރު ހުރިހާ ދަރިވަރުން ސުކޫލަށް ދިއުން ވަރަށް މުހިންމުކަމަށެވެ. އަދި ބާއްޖަވެރި ދުވަސްތަކަކަށް އެދޭކަމަށެވެ.

ޖަޒީރާއަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ ދަރިވަރަކު ސުކޫލަށް ފޮނުވުމަކީ ބެލެނިވެރިންގެ ޒިންމާއެއް ކަމަށެވެ. އަދި އުނގެނުމުގެ ހައްޤަކީ ދަރިވަރުގެ ހައްޤެއް ކަމަށެވެ. އެހެންކަމުން އެ ހައްޤު ކަށަވަރުކޮށްދިނުމަށް ބެލެނިވެރިންވެސް، މުދައްރިސުންވެސް އަދި މިނިސްޓްރީންވެސް މަސައްކަތް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ސުކޫލުތައް ހުޅުވުމުން ބެލެނިވެރިން، ދަރިވަރުން ސުކޫލަށް ފޮނުވާނެކަމަށާއި، ކަންބޮޑުވުންތަކާއެކު މީގެކުރިންވެސް ދަރިވަރުން ސުކޫލަށް ފޮނުވި ކަމަށެވެ. އަދި ސުކޫލަށް ފޮނުވުމުން ސުކޫލުގެ ތެރޭގައި އިންތިޒާމްތައް ހުރި ގޮތް ފެނި ބެލެނިވެރިންގެ އިތުބާރު ލިބިފައިިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑަކަށް ނުފެނޭ އެއްވެސް ބެލެނިވެރިއެއް، ނުފޮނުވަން ހުންނާނެއެކޭ." މިނިސްޓަރ ވިދަޅުވި އެވެ.

މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ، އިޖުތިމާއީ ގައިދުރުކަމާއި އެއްކޮށް ސުކޫލަށް ގެންދާތީވެ ބައެއް ސުކޫލްތަކުގެ ދަރިވަރުންނަށް ކޮންމެ ދުވަހަކު ސުކޫލަށް ނުދެވިދާނެކަމަށާއި، އެ ސުކޫލްތައް ކުރިއަށްގެންދާނީ ޑުވެލް މޯޑަށް ކަމަށެވެ. އެގޮތުން ސުކޫލްގައި ކުރިއަށްގެންދާ ކްލާސްތަކުގެ އިތުރުން އޮންލައިންކޮށް ކްލާސްތައް ކުރިއަށްގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.