ރައީސުލްޖުމްހޫރިއްޔާ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެއްސެވުން -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި ދެމުން އަންނަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް ސޯލިހު މިގޮތަށް އިލްތިމާސް ކުރެއްވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން 2 އޮގަސްޓް 2021 ގައި ނެރުއްވައިފައިވާ، ސަރކިއުލަރގައި، ދައުލަތުގެ މުއައްސަސާތަކުގެ ހުރިހައި މުވައްޒަފުން ކޮވިޑް-19 އިން ރައްކައުތެރިވުމަށް ވެކްސިން ފުރިހަމަކުރުމަށް އެދިވަޑައިގެންފައިވާތީ އެވެ. އެގޮތުން ކޮވިޑް-19 އިން ރައްކައުތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވެކްސިން ފުރިހަމަކުރުންކަމަށްވާތީކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ރައީސް ސޯލިހު ވަނީ މިހާތަނަށް ވެކްސިންގެ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައިނުވާ މުވައްޒަފުން 2021 އޮގަސްޓް 15 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށް، އެ ޑޯޒް ފުރިހަމަކުރި ތާރީޚަށް ބަލައި، ފުރިހަމަކުރަންޖެހޭ އިތުރު ޑޯޒް، އެ ޑޯޒެއް ފުރިހަމަކުރަންޖެހޭ މުއްދަތުގެ ތެރޭގައި ފުރިހަމަކުރުމަށް އެދިވަޑައިގެންފައެވެ. އަދި، ވަގުތީގޮތުން ކުރިމަތިވެފައިވާ ހާލަތެއްގެ ސަބަބުން ވަކި މުއްދަތަކަށް ވެކްސިންޖެހުން ރައްކާތެރި ނޫންކަމަށް ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ މެޑިކަލް ޑޮކްޓަރަކު ލަފާ ދޭ މުވައްޒަފުން ވެސް، ލަފާދީފައިވާ މުއްދަތު ހަމަވުމުން ވެކްސިން ފުރިހަމަކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސް ވަނީ ސަރުކާރުގެ އިދާރާތަކުގެ ވެރިން، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ކޮވިޑް-19 އިން ރައްކައުތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަކުރުމަށް ބާރުއަޅުއްވައި، ވެކްސިން ފުރިހަމަކުރޭތޯ ބައްލަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި މިހާރު ވެކްސިން ޖެހޭ އުމުރުފުރާގެ މީހުންނަށް ވަނީ އެސްޓްރާޒެނެކާގެ ފުރަތަމަ ޑޯޒާއި ދެވެނަ ޑޯޒް ޖެހުމަށް ހުޅުވާލާފައެވެ. އަދި އޮންލައިނކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެދުމަށް  ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ވެބްސައިޓް މެދުވެރިކޮށް ހެދުމަށް ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގައި މިވަގުތު އާންމުކޮށް ހުޅުވާލައިގެން ޖަހަމުން ގެންދަނީ ދެ ވެކްސިނެކެވެ. އެއީ އިންޑިއާގެ ކޮވިޝިލްޑް ވެކްސިނާއި ޗައިނާގެ ސިނޮފާމް ވެކްސިނެވެ. އެސްޓްރާޒެނެކާ ވެކްސިނަކީ ކޮވިޝިލްޑް ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވެނަ ޑޯޒްގެ ގޮތުގައި ޖެހޭނެ ވެކްސިނެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *