ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ބޮން ގޮއްވާލިކަމަށް ތުހުމަތުކުރެވެ އަދުހަމް އަހުމަދު ރަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ނިމި މި މަހުގެ ފުރަތަމަ 15 ދުވަސް ނިމުމުގެ ކުރިން ހުކުމް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އެ މައްސަލާގައި އަދުހަމް ވަނީ ދައުލަތާއި އެކު އިއުތިރާފްގެ އެއްބަސްވުމެއް ގާއިމްކޮށްފައެވެ. ޕީޖީ ޝަމީމް ވިދާޅުވީ އެ އެއްބަސްވުން ގާއިމްކޮށްފައިވަނީ އަދުހަމްގެ އެދުމުގެ މަތިން، އޭނާގެ ވަކީލުންނާއި ދައުލަތުގެ ވަކީލުންގެ ވެސް ހާޒިރުގައި ދެފުށް ފެންނަ ގޮތަށް ކަމަށެވެ.

ޕީޖީ ވިދާޅުވީ ކޯޓު މަރުހަލާގައި އަދުހަމް ކަންތައް ކުރާނެ ގޮތް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު އެއްބަސްވުމަށް ކޯޓުގައި އިންކާރުނުކޮށް އެއާ އެއްގޮތަށް ކުރިއަށް ގޮސްފިނަމަ މިމަހުގެ ފުރަތަމަ 15 ދުވަސް ނުނިމެނީސް އޭނާގެ މައްޗަށް ހުކުމް ކުރެވޭނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

އިއުތިރާފްގެ އެއްބަސްވުމާ އެއްކޮށް ގޮސްފިއްޔާ، މި އޮގަސްޓު މަހުގެ ފުރަތަމަ 15 ދުވަސް ތެރޭގައި އަދުހަމްގެ ބައި ނިމޭނެ ކަމަށް މި ބަލަނީ

ޕީޖީ ވިދާޅުވީ ކޯޓު މަރުހަލާގައި އަދުހަމް އިންކާރުކުރިޔަސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި އޮތް ގޮތަށް އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އުންމީދަކީ ކޯޓުން ވެސް އެ މައްސަލަ ގާނޫނުގައި ބަޔާންކޮށްފައިވާ ތާރީހުގެ ތެރެއިން ކުރިއަށް ގެންދިއުން ކަމަށެވެ. އެގޮތަށް ގޮސްފި ނަމަ ލަސްތަކެއް ނުވެ މައްސަލަ ނިންމޭނެކަމަށް ވިދާޅުވިއެވެ.

ޕީޖީ އިތުރަށް ވިދާޅުވީ އިއުތިރާފްގެ އެއްބަސްވުމާ އެއްގޮތަށް އަދުހަމް އަމަލުކޮށްފި ނަމަ އަންނަ މަހު ކުރީކޮޅު އެ މައްސަލާގައި ދެން ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތް ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އެ މައްސަލާގައި މިހާތަނަށް ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އޭގެ ތެރެއިން އަދުހަމްގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމް ގެ އަމަލެއް ހިންގުމުގެ ދައުވާއާއި، އެފަދަ އަމަލެއް ރޭވުމާއި، ޓެރަރިސްޓު ޖަމާއަތަކަށް ތާއިދުކުރުމުގެ އިތުރަށް ގަސްތުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.

އޭގެ ތެރެއިން އަދުހަމްއާ އެކު އެއްބަސްވެފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށަށް އެއްބަސްވެ 20 އަހަރުގެ ޖަލު ހުކުމަކާއި، އެފަދަ ޖަމާއަތަކަށް ތާއިދުކުރުމުގެ ކުށަށް ވެސް އިއުތުރާފް ވެސް 3 އަހަރުގެ ޖަލުހުކުމަކަށް ކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ބައި އަނބުރާ ގެންނަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އެއްބަސްވެފައިވާ ގޮތުން އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *