ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މީލާދީ އައު އަހަރުގެ ކިޔެވުން ފަށާއިރު، ދަރިވަރުން ފޮނުވާ ސުކޫލް މާހައުލަކީ ރައްކާތެރި މާހައުލެއްކަމުގެ ޔަޤީންކަން ބެލެނިވެރިންނަށްދޭކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. 

ޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ މިދިޔަ ޖުލައި މަހުން ފެށިގެން ހުރިހާ ސްކޫލެއް ހުޅުވައިގެން ކިޔަވައިދީފައިވާއިރު، އެއްވެސް ސްކޫލެއްގެ ތެރެއިން ކޮވިޑް-19ގެ ކޭސްއެއް ފެންމަތިވެފައެއް ނުވެއެވެ. އަދި މިއީ ސްކޫލްތަކުން އަމަލުކުރަމުންދާ އުސޫލުގެ ހަރުދަނާކަމުން ކަމަށެވެ. 100 ކޮމްޕްލައިންސް ހުރިހާ ސްކޫލްތަކުން ލިބުނުކަމަށާއި އެކަމަށް އެޗްޕީއޭއިން ތައުރީފް ކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ބެލެނިވެރިންގެ އިތުބާރު ލިބިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސުކޫލުތައް އަލުން ހުޅުވާއިރު، އުސުލުތައް އިތުރަށް ހަރުދަނާކޮށްފައިވާކަމަށެވެ. އެގޮތުން ޓް ކައިރިން ކުދިންގެ ހުން ބެލުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނެކަމަށާއި، ދަރިވަރުންނަށް މާސްކް ބްރޭކެއްވެސް ލިބޭނެކަމަށެވެ.

މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ ހުރިހާ ބެލެނިވެރިންވެސް ދަރިވަރުން ސުކޫލަށް ފޮނުވުމަށް ބާރުއެޅުމަށް އިލްތިމާސްކުރައްވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދަރިވަރުން ގޭގައި ތިބި ދުވަސްވަރު ވަރަށް ބޮޑުބައެއް ގެއްލިގެންގޮސްފައިވާކަމަށެވެ. އެގޮތުން ދަރިވަރުންގެ އުނގެނުން ފަހަތަށް ގޮސްފައިވާކަން ދިރާސާތަކުން ފެންނަކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ރިމޯޓް ލާނިންްގގެ ތެރެއިން ދަރިވަރަށް ބޭނުންވާ ނަފްސާނީ އަދި އިޖުތިމާއީ ބައިބައި ފޯރުކޮށްނުދެވޭނެކަމަށާއި، ވަށާޖެހޭ ތައުލީމް ދިނުމަށްޓަކައި ދަރިވަރު ސުކޫލަށް ފޮނުވުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

"އެހެންވީމަ އަޅުގަނޑު އެދެނީ ހުރިހާ ބެލެނިވެރިންވެސް ދަރިވަރު ސުކޫލަށް ފޮނުވައިދިނުމަށް" މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވި އެވެ. 

ގިނަ ދުވަސްތަކަކަށްފަހު ދަރިވަރުން އެނބުރި ސުކޫލުތަކަށް ނިކުންނައިރު، ހުންނާނެ ނަފްސާނީ މައްސަލަތަކަށް ވިސްނައި މުދައްރިސުންނަށް ތަމްރީން ދެވިފައިވާކަން ފާހަގަކޮށް މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ ގިނަ މުދައްރިސުންނަށް ތަމްރީން ދެވިފައިވާކަމަށާއި، ގިނަ ސުކޫލުތަކުގައި ކައުންސިލަރުންނާއި ހެލްތު އެސިސްޓެންޓުންވެސް ތިއްބަވާނެ ކަމަށެވެ. އަދި ދަރިވަރުންނަށް ދިމާވެދާނެ ނަފްސާނީ މައްސަލަތަކަށް އެޓެންޑުވާނެ މިންވަރަށް މުދައްރިސުންނަށް ތަމްރީން ލިބިފައިވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

މިނިސްޓަރ ވިދާޅުވީ ފުރަތަމަ ހަފްތާ ހާއްސަކުރަނީ ކިޔަވައިދިނުމުގެ ބަދަލުގައި ދަރިވަރުން ސުކޫލުތަކަށް ނިކުމެ، ފިލާވަޅުތަކަށް އަހުލުވެރިވުމާއި، މުދައްރިސުންނާއިއެކު ވަގުތު ހޭދަކޮށް ވާހަކަދައްކާލުމަށް ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށެވެ. އަދި ބޭނުންވަނީ ސުކޫލުތަކަކީ ދަރިވަރުން އުފަލުން އަންނާނެ ތަންތަނަށް ހެދުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.