ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަބަލާ ކޮމިޝަން އަށް ކުރީގެ ރައީސް ހާޒިރުކުރުމުން އެމަނިކުފާނު ހުންނެވީ ހަނު ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް "ޖަޒީރާ" އަށް ވިދާޅުވީ ރައީސް ޔާމީން ހާޒިރުކުރީ ރިލްވާންގެ މަރުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅޭގޮތުން ބަޔާން ނަގާ މައުލޫމާތު ސާފުކުރުމަށް ކަމަށެވެ. ރިލްވާން މަރާލާފައި ވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު ކަމަށްވާއިރު އެމަނިކުފާނުގެ މައްޗަށް ކުރަނީ، ތަހުގީގަށް ހުރަސް އެޅި ކަމުގެ ތުހުމަތެވެ.
މިސްބާހް ވިދާޅުވީ ތަހުގީގަށް ރައީސް ޔާމީންގެ އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ހަނު ހުންނެވީ ކަމަށާއި އެއްވެސް މައުލޫމާތެއް ހިއްސާނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެ މައުލޫމާތުތަކަކީ މައްސަލާގައި ކުރިއަށް ދިއުމަށް މުހިންމު މައުލޫމާތުތަކަކަށްވާއިރު ރައީސް ޔާމީން ހަނު ހުންނެވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކުރާ ތުހުމަތަށް އެމަނިކުފާނު އިންކާރުކުރެއްވި ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ މަރު ކޮމިޝަނަށް ހާޒިރުކޮށް ޔާމިންގެ މައްޗަށް ކުރާ ތުހުމަތުގައި އެމަނިކުފާނާ ސުވާލުކުރި އިރު ކަން ކުރީ ގާނޫނުގެ ތެރެއިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ހައްގުތަކާ ވެސް މުޅިން ހިލާފަށް ކަމަށެވެ. އެގޮތުން އެފަދަ މަޖިލީހެއްގައި ތިބޭނެ ވަކީލުންގެ އަދަދަކީ ރައީސް ޔާމީންގެ ގާބިލްކަން ހުރި ވަރަކުން ގެންދެވޭނެ ބައެއްކަން ފާހަގަކުރައްވާ ވިދާޅުވީ، ރައީސް ޔާމީނާއި އެކު އިންނަން ފުރުސަތު ދިނީ އެންމެ ވަކީލަކަށް ކަމަށެވެ.
މީގެ އިތުރަށް އެތަނުގައި އެމަނިކުފާނު ދޮޅު ގަޑިއިރު ހޭދަކުރައްވަން ޖެހިވަޑައިގެންނެވިކަން ފާހަގަކުރައްވާ ވިދާޅުވީ އެހާ ގިނަ ވަގުތު ހޭދަވެގެން ދިޔައީ ބޭކާރު ގޮތުގައި ކަމަށެވެ. އެގޮތުން ބަޔާން ނަގަން ދިޔައީ ފަސް މިނެޓު ކަމަށާއި، ސޮއިކުރަން ވެސް ދިޔައީ ފަސް މިނެޓު ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް ތަހުގީގަށް ހުރަސްއެޅި ކަމުގެ ތުހުމަތުކުރަނީ އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު، މަރުގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދިޔައިރު މިސްރާބު އޮޅޭ ފަދަ މައުލޫމާތުދެއްވާ ފުލުހުންގެ ތަހުގީގަށް އޮޅުވާލާފައިވާ ކަމުގެ މައްސަލައެއް ފެންމަތިވެގެން ކަމަށް ކޮމިޝަންގެ ކުރީގެ ރައީސް، ހުސްނުއް ސުއޫދު މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އެ މައްސަލާގައި ދައުވާ ކުރެވޭނެ ހެކި ލިބިފައިނުވާ ކަމަށް ވިދާޅުވެފައިވެއެވެ.