ކޮވިޑް-19 ފެތުރެން މެދުވެރި ވައިރަސް އެންމެ ފުރަތަމަ ލީކުވީ ޗައިނާގެ ރިސަރޗް ފެސިލިޓީއަކުން ކަމަށް އެމެރިކާގެ ރިޕަބްލިކަން ޕާޓީއިން ހާމަކުރި ރިޕޯޓެއްގައި ބުނެފިއެވެ.

ހޯމަ ދުވަހު އާންމުކުރި މި ރިޕޯޓްގައި މިގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް އެމެރިކާގެ އިންޓެލިޖެންސް އޭޖެންސީތަކުން އަދި މިހާތަނަށް ވައިރަސް ލީކުވެފައިވަނީ ޗައިނާގެ ރިސަރޗް ފެސިލިޓީއަކުން ކަމަށް ނިންމާފައެއް ނުވެއެވެ. އެގޮތުން ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީގައި ހުންނަ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއިން އިންސާނުންނަށް ބަލި ޖެއްސުމަށް ކޮރޯނާ ވައިރަސްއަށް ބަދަލު ގެނައުމުގެ މަސައްކަތްތަކެއް ކުރި ކަމުގެ ހެކި ލިބިފައިވާ ކަމަށް މި ރިޕޯޓްގައި ވަނީ ތުހުމުތުކޮށްފައެވެ.

މި ރިޕޯޓް އާންމުކުރީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ފޮރިން އެފެއަރޒް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެމްބަރު މައިކް މެކޯލްއެވެ. މުޅި ދުނިޔެއިން ކޮވިޑް-19 ގައި މިހާތަނަށް 4.4 މިލިއަން މީހުން މަރުވެފައިވާއިރު ވައިރަސް އުފެދުނު ގޮތް ހޯދުމަށް ތަހުގީގެއް ހިންގުމަށް ރިޕަބްލިކަން ޕާޓީއިން ވަނީ ގޮވާލާފައެވެ.

ޗައިނާއިން ވަނީ މީގެކުރިން ވެސް މިފަދަ ތުހުމަތުތައް ދޮގުކޮށްފައެވެ. ވޫހާންގެ ލެބަކުން ލީކުވި ވައިރަސްއެއްގެ ބަދަލުގައި މިއީ ޖަނަވާރެއްގެ ސަބަބުން ފެތުރުނު ވައިރަސްއެއް ކަމަށް ގިނަ ތަޖުރިބާކާރުން ގަބޫލުކުރެއެވެ.

މިިދިޔަ މެއި މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ވައިރަސް އުފެދުނު ގޮތް 90 ދުވަހުގެ ތެރޭގައި ހޯދައި ރިޕޯޓްކުރުމަށް އެގައުމުގެ އިންޓެލިޖެންސް އޭޖެންސީތަކަށް އަންގަވާފައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެއީ ލެބަކުން ލީކުވި ވައިރަސްއެއް ކަމެއް ހޯދިފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *