އައު އަހަރުގެ ކިޔެވުން ފަށާއިރު، އަންނަ މަހު އަތޮޅު ތެރޭގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ޖަޒީރާއަސް މައުލޫމަތުދެއްވަމުން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ ނާސްތާ ޕްރޮގްރާމްއަކީ މިނިސްޓްރީގެ އެންމެ ކާމިޔާބު އެއް ޕްރޮގްރާމްކަމަށެވެ. އަދި އޭގެ އެދެވޭ ނަތީޖާތައްވެސް ފެންނަމުންދިޔަކަމަށާއި، ހުއްޓާލަންޖެހުނީ ކޮވިޑާއި ގުޅިގެންކަމަށެވެ.
މިނިސްޓަރ ވިދަޅުވީ އަތޮޅު ތެރޭގެ ކޮވިޑް ނެތް ރަށްރަށުގައި އަންނަ މަހުގެ ތެރޭގައި ނާސްތާ ޕްރޮގްރާމް ފެށިގެންދާނެކަމަށެވެ. ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮމިއުނިޓީ ސްޕްރެޑް އުޅޭތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ނުލިބޭކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
"އެކަމަކުވެސް ހަމަ ލިބުނުހާ އަވަހަކަށް ފަށާނަން. ކުރިންވެސް ދެންނެވިހެން އެންމެ މުހިންމީ ދަރިވަރުންގެ ސިއްހަތު އެހެންވީމަ އެކަމަށް ބަލާފަ އެޗްޕީއޭއިން ހުއްދަ ލިބުނީމަ އަޅުގަނޑުމެން މާލޭގައިވެސް ނާސްތާ ފަށާނަން"
ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފަށާފައިވަނީ 2019 ވަނަ އަހަރު އެވެ. ކިޔަވާ ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.