މިނިކާ ބާޒުތައް އައިސް ޕީޕީއެމް/ޕީއެންސީގެ ކޮންޓްރޯލް ނެންގެވުމަކީ ރައީސް އަބްދުﷲ ޔާމީން އެންމެ ކަންބޮޑުވެވަޑައިގެންނެވި ކަންތަކެވެ. ޖަލަށް ވަޑައިގެންނެވުމުގެ ކުރިންވެސް ވިދާޅުވަމުންގެންދެވީ ޕާޓީ ބައިބައިވުމަށް ފުރުސަތު ނުދެއްވުުމަށެވެ. މިނިކާ ބާޒުތަކަށް ފުރުސަތު ނުދެއްވުމަށެވެ. 

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެެ މިވަގުތުގެ ހާލަތަށް ބަލާއިރު، ބޭރުފުށަށް ފެންނަ މަންޒަރު ރީތިވިނަމަވެސް، ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕް އޮތީ ބައިބައިވެފަ އެވެ. ޖަޒީރާއަށް އެނގިފައިވާ މައުލޫމާތުތަކުން ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނަށް ރައީސް ޔާމީން އިތުބާރު ނުކުރައްވާކަން އެނގިފައިވެއެވެ. އެކަމުގެ ސަބަބުން ބައެއް ބޭފުޅުން ތަސްވީރުންް ކޮންމެވެސް ވަރަކަށް ގެއްލެން ވަނީ ފަށާފަ އެވެ. ހަމައެކަނި ކުރައްވާ ޓުވީޓަކުން ހަބަރުތަކުގެ ހެޑްލައިން ހަދާލުން ފިޔަވައި، ލީޑަރޝިޕްގައި އެބޭފުޅުންގެ ދައުރެއް ނޯންނަކަން އެނގިފައިވެއެވެ. 

އެނގިފައިވާގޮތުން މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިވަގުތު އެންމެ އިތުބާރުކުރައްވަނީ އެމަނިކުފާނުގެ ފުރަތަމަ ނައިބް ރައީސް އަދި ޤަނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދަށެވެ. އަދި ލީޑަރޝިޕްގެ މަދު ބަޔަކަށް އެކަނިކަން އެނގިފައިވެއެވެ. 

ރައީސް ޔާމީންގެ އިތުބާރު ޖަމީލަށް އޮތްކަން ހާމަވި އެއްކަމަކީ ބުރާސްފަތި ދުވަހުގެ ޝަރީއަތުގެ ކަންކަމަށްފަހު ޤާނޫނީ ވަކީލުން ބޭއްވި ނޫސްވެރިިންގެ ބައްދަލުވުމުގައި ޑރ. ޖަމީލް ދެއްކެވި ވާހަކަފުޅެވެ. އެގޮތުން ރައީސް ޔާމީނާއި ހަވާލާދެއްވައި ޑރ. ޖަމީލް ތަކުރާރުކޮށް ވިދާޅުވަމުންގެންދެވީ ޕާޓީ އެކަތިގަނޑަކަށްވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާކަމަށެވެ. އަދި ކާމިޔާބު ލިބެން އޮތީ އޭރުންކަމަށް ރައީސް ޔާމީން ދެކިވަޑައިގަންނަވާކަމަށް ޖަމީލް ވިދާޅުވި އެވެ. 

ޔާމީނާއި ހަވާލާދެއްވައި ޖަމީލް ވިދާޅުވީ ޕީޕީއެމްއަށާއި ޕީއެންސީއަށާއި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްކަމަށެވެ. އެކަމަނިކުފާނު ތުހުމަތުކުރައްވާގޮތުގައި އަދީބް ދޫކޮށްފަ ބަހައްޓާ މައިގަނޑު ސަބަބަކީވެސް ޕީޕީއެމް/ޕީއެންސީ ބައިބައިކުރުމެވެ.

ޖަޒީރާއަށް މައުލޫމަތުދެއްވި ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅަކު ވިދާޅުވީ ކަންކަން ހިނގާގޮތަށް ބަލާއިރު ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިނުގަންނަވާކަމަށްވާނަމަ، ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕް ބައިބައިވުމުގެ ފުރުސަތު ބޮޑުކަމަށެވެ. ސަބަބެއްކަމަށް އެބޭފުޅާ ވިދާޅުވީ މިވަގުތު ލީޑަރޝިޕް ނަންގަވަން ތިއްބެވި ބޭފުޅުންގެ މެދުގައި ވާދަވެރިކަމާއި، ބައިބައިވުން ބޮޑުވުމެވެ. އަދި ޕާޓީގެ ބައެއް ކަންކަން ނިންމާއިރު، ލީޑަރޝިޕްގެ އެހެން ބޭފުޅުންނާ އެއްވެސް ވަރަކަށް މަޝްވަރާވެސް ނުކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ހަމައެކަނި ފޯކަަސް ޔާމީން މިނިވަންކުރުމުގައި އޮތްއިރު، ނިމުނު ދެ އަހަރު އެ ޕަޓީތަކަށް ސަރުކާރު ޖަވާބުދާރީކުރުމުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނުވެ އެވެ. ބޮޑެތި މައްސަލަތަކުގައި ޖަވާބުދާރީކުރެވިފައިނުވައިރު، ސަރުކާރުގެ ސިޔާސަތުތަކަށް އިލްމީ ފާޑުކިޔުންތަކެއްވެސް އަމާޒުކުރެވިފައެއް ނުވެ އެވެ. 

ނިމުނު ދެ އަހަރާއި، ޕީޕީއެމް/ޕީއެންސީގެ އަދުގެ ހާލަތަށް ބަލާއިރު، ޕާޓީތައް އިތުރަށް ބަލިކަށިވެ، އިދިކޮޅުގެ އަޑު ކެނޑުމުގެ ފުރުސަތު ބޮޑެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.