ލ.ފޮނަދޫއިން 4 މީހަކު ޕޮޒިޓިވްވެ ގަން އަދި ފޮނަދޫ މޮނިޓަރިންގ ހާލަތަށް ލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފޮނަދޫ އިން ޕޮޒިޓިވްވި މީހުންނަކީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ގއ.ދެއްވަދޫއިން ލ.ފޮނަދޫއަށް ދިޔަ މީހުންނެވެ. މި މީހުންގެ ކިބައިން ކޮވިޑްގެ އަލާމާތްތައް ފެނުމާއި ގުޅިގެން ސާމްޕަލް ނަގައި ޓެސްޓް ކުރިއިރު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިކަމާއި ގުޅިގެން މި މީހުންގެ ކޮންޓެކްޓްސް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ކުރިއަށް ގެންގޮސް، ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަން ޔަގީންކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ލ.ފޮނަދޫ އަދި ލ.ގަން ވަނީ މޮނިޓަރިންގ ހާލަތަށް ލާފައެވެ. މިވަގުތު މި ދެ ރަށަށްވެސް އަރައި ފޭބުމަކީ މަނާކަމެކެވެ.
ގއ.ދެއްވަދޫއިން ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވް ވީ 24 ޑިސެމްބަރުގައި ކަމަށެވެ. އެހެންނަމަވެސް، ރިޒަލްޓް ފުރިހަމައަށް ލިބުމުގެ ކުރިން އެބޭފުޅުންނަށް ނުބައި މައުލޫމާތެއް ފޯރުކޮށްދިނުމާއި ގުޅިގެން ކަރަންޓީނުން ރިލީޒްކުރެވުމުގެ ސަބަބުން އެ ރަށުގައި މިހާރު ވަނީ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމުގެ ބިރު ހީވެފައެވެ. މިހާރުވެސް 7 މީހަކު ޕޮޒިޓިވްވެފައިވާއިރު، 150 ވުރެ ގިނަ ސާމްޕަލް ވަނީ ނަގާފައެވެ.