އިންޑަނޭޝިއާގެ ޖަކާރޓާއިން ފުރައިގެން ޕޮންޓިއަނެކްއަށް ދަތުރުކުރި ފްލައިޓެއް ގެއްލިއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ފްލައިޓް ގެއްލިފައިވަނީ، ޖަކާރޓާއިން ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. މިއަދު މެންދުރު 12:40 ހާއިރު ހިނގާދިޔަ މި ހާދިސާގައި 50 އަށްވުރެ ގިނަ މީހުން ގެއްލިފައިވާކަމަށް މައުލޫމާތު ލިބެއެެވެ.
ފްލައިޓް ޓްރެކިންގ ވެބްސައިޓް 'ފްލައިޓްރޭޑަރ24' އިން ފެންނަ ގޮތުންނަމަ، ގާތްގަޑަކަށް މިނިޓެއް ހާއިރު ތެރޭގައި އަލްޓިޓިއުޑް 10،000 ފޫޓު ގެއްލިފައިވެއެވެ. އެހެންކަމުން ފްލައިޓް ވެއްޓުނީކަމަށް ނިންމައި، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓްރީއިން މިހާރު ވަނީ ހޯދައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައެވެ.
މިއީ އިންޑަނޭޝިއާގެ އަމިއްލަ އެއަރލައިނެއް ކަމަށްވާ ސްރިވަޖިޔަ އެއަރ ގެ ބޮއެންގ 737 މަރުކާގެ ބޯޓެކެވެ.