ދިވެހި މިއުޒިކް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ބޭންޑްތަކުގެ ތެރޭގައި ގުނާލެވޭ އެއް ބޭންޑަކީ އިކުއެޓިކް ވައިބް ކަމާމެދު ދެބަސްވެވެން ނެތެވެ. އަމިއްލަ އުފެއްދުންތަކުން ގިނަ ދިވެހިންގެ ހިތްތަކުން ޖާގަ ހޯދި އެ ބޭންޑަށް ވެސް ކޮވިޑާއެކު ދިމާތި ދަތި އުނދަގޫ ދުވަސްތަކެކެވެ. ކޮވިޑްގެ ކުރިން ސަޕޯޓަރުންނާއެކު މާލޭގައި ޝޯތައް ދިން ނަމަވެސް އެ ބަލި ރާއްޖޭގައި ފެތުރެން ފެށުމާއެކު އެ ބޭންޑަށް ވެސް ޖެހުނީ ފަހަތަށް ފިޔަވަޅެއް އަޅަންށެވެ. އެހެން ނަމަވެސް ރޭ ނޮވެލް ގްރިލް އެންޑް ރެސްޓޯރަންޓްގައި އަލުން ސަޕޯޓަރުންނާއި ބައްދަލުވެ އިކުއެޓިކް ވައިބުން ވަނީ ސަޅި ޕާފޯމެންސެއް ދީފައެވެ. 

މިއީ ކޮވިޑް ފެތުރެން ފެށި ފަހުން އެ ބޭންޑުން މާލޭގައި ދިން ފުރަތަމަ ޕާފޯމެންސް ކަމަށްވާއިރު ގިނަ އަދަދެއްގެ ސަޕޯޓަރުން އެ ބޭންޑްގެ ސަޅި ލަވަތައް އަޑު އަހާލުމަށް ރޭ ނޮވެލް ރެސްޓޯރަންޓަށް އެއްވިއެވެ. މަޖާ އެކުވެރި މާހައުލެއްގައި ސަޕޯޓަރުންގެ ކުރިމަތީގައި އެ ބޭންޑުން ވަނީ މުޅި އައު ލަވަތަކެއް ވެސް ކުޅެފައެވެ. އެގޮތުން މިއަހަރު ރިލީސް ކުރި "މަގޭ އީޕީ" ގެ ހަތަރު ލަވަ ވެސް ރޭ އެ ބޭންޑުން ކުޅުނުއިރު 2016 ވަނަ އަހަރު ރިލީސްކުރި އެބޭންޑްގެ އެންމެ ކާމިޔާބު އަލްބަމް ކަމަށްވާ "ކުލަތައް" ގެ ހުރިހާ ލަވައެއް ވެސް ކުޅެފައިވެއެވެ. 

ރޭ ޝޯ ބަލާލަން އައި ހުރިހާ ފަރާތްތަކަށް ވެސް އެބޭންޑުން ޝުކުރު އަދާކުރިއިރު ފޭނުންނަށް ވެސް ރޭގެ ޝޯ ވަރަށް ޚާއްސައެވެ. އައު ލަވަތައް ވެސް އަޑުއިވިގެންދިޔައިރު ނޮވެލްގެ ހިތްގައިމު މާހައުލުން އިތުރު ފުރިހަމަކަމެއް މި ޕާފޯމަންސަށް ލިބިގެންދިޔައެވެ. އެ ބޭންޑުން ވަނީ މިފަދަ ޕާފޯމަންސްތައް ދިނުމަށް ނޮވެލްއިން ވެދެމުންދާ އެހީތެރިކަމަށް ވެސް ޝުކުރު އަދާކޮށްފައެވެ. 

އިކުއެޓިކް ވައިބްއަކީ އަމިއްލަ ރާގުގެ ދިވެހި ލަވަ ހެދުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ބޭންޑެކެވެ.
ކޮވިޑް-19ގެ ސަބަބުން ރެސްޓޯރެންޓްތައް ބަންދުކުރުމާއި ހަމައަށް، އެކިފަހަރު މަތިން ނޮވެލްގައި ދިވެހި ފަންނާނުންގެ ހާއްސަ ލައިވް މިއުޒިކް ގެނެސްދީފައިވެއެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގައި މަޝްހޫރު ގިނަ ލަވަކިޔުންތެރިންނާއި، އެ ދާއިރާއިން އަރަމުން އަންނަ ފަންނާނުންވެސް ހިމެނެއެވެ. އެހެންކަމުން ކުރިޔަށް އޮތް ތަނުގައި ވެސް ނޮވެލްގައި މިފަދަ ޕާފޯމަންސްތަް ފެނިގެންދާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.