ރައީސް ސޯލިހް އަދި އިމްރާން

ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރާފަދަ ހާލަތެއް ނެތް ކަމަށާއި، އިދިކޮޅާ ގުޅުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން "ޖަޒީރާ" އަށް މައުލޫމާތު ދެމުން ބުނީ، އިދިކޮޅާ ގުޅުމުގެ ދައުވަތެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އިދިކޮޅާ ގުޅުމުގެ ދައުވަތު ފޮނުވާފައިވާ ކަމަށް މީޑިއާގައި ބުނެފައިވާތީ، އެކަމަށް ޝައުގުވެރިކަމެއް ނެތް ކަމަށް އަދާލަތުން ބުނެއެވެ.

އަދާލަތު ޕާޓީން ބުނީ އިދިކޮޅުގެ ދައުވަތު ބިނާކޮށްފައި ވަނީ، ރާއްޖޭގެ މިނިވަންކަން ގެއްލޭތީ، އެކަމުގެ ދިފާއުގައި ހިންގާ ހަރަކާތެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެ ސަބަބު ރާއްޖޭގައި އޮތް ކަމަށް އެ ޕާޓީން ގަބޫލު ނުކުރާ ކަމަށާއި، މިވަގުތު އިދިކޮޅާ ގުޅުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ވެސް އަދާލަތު ޕާޓީން ބުނެއެވެ.

ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރާފަދަ ހާލަތެއް ރާއްޖެއަކު ނެތް

ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރާފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ، އިދިކޮޅާ ގުޅުމުގެ އެއްވެސް ވިސްނުމެއް ގެންގުޅެންތޯ ސުވާލު ކުރުމުން އަދާލަތު ޕާޓީން ބުނީ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރާއްޖޭގައި އެއްކޮޅެއް، އިދިކޮޅެއް ނޯންނާނެ ކަމަށެވެ.

އެކަމެއް ހުއްޓުވަން ދިވެހި ހުރިހާ ރައްޔިތުން ވެސް ނިކުންނާނެ. ވަކިން ހާއްސަކޮށް [މިނިވަންކަމަށް ލޮޅުމެއް އަރާފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ] މިހާރު މިއޮތް ސަރުކާރުން އެކަމާ ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ

އިދިކޮޅުގެ ދައުވަތަށް އަދާލަތު ޕާޓީގެ ޝައުގުވެރިކަން ނެތްކަން ހާމަކޮށްފައި ވާއިރު، ޖުމްހޫރީ ޕާޓީން ވެސް ވަނީ، އިދިކޮޅުގެ ދައުވަތަށް ޝައުގު ނެތްކަން ހާމަ ކޮށްގައެވެ.

ޖޭޕީން "ޖަޒީރާ" އަށް މައުލޫމާތު ދެމުން ބުނީ ރާއްޖޭގެ އިސްތިގްލާލާއި މިނިވަންކަން ގެއްލި، އިތުރު ގޮތެއް ނެތިގެން މެނުވީ އެ ޕާޓީން އިދިކޮޅާ ނުގުޅޭނެ ކަމަށެވެ. އަދި ކޯލިޝަނުން ބޭރު ނުވާނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

ގައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށް ފަށާފައިވާ "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ކެމްޕެއިނާއި ގުޅުމަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް އިދިކޮޅުން ވަނީ ދައުވަތު އަރުވާފައެވެ. އެގޮތުން ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު އަދި އެމްއާރްއެމްއަށް ވެސް ވަނީ ދައުވަތު އަރުވާފައެވެ. އަދި ކޯލިޝަންގެ ބޭރުން އެމްޑީއޭ އަށް ވެސް ދައުވަތު އަރުވާފައިވެއެވެ. 

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *