އިދިކޮޅު ކޯލިޝަނާއި ގުޅިގެން ސިޔާސީ މަސައްކަތްކުރުމަށް ސަރުކާރު ހިންގާ މައި ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ނޫން އެހެން ހުރިހާ ޕާޓީއަކަށް އިދިކޮޅުން ރަސްމީކޮށް އެރުވި ދައުވަތަށް ޖޭޕީގެ ޝައުގެއް ނެތްކަން ހާމަ ކޮށްފިއެވެ.

ޖޭޕީން "ޖަޒީރާ" އަށް މައުލޫމާތު ދެމުން ބުނީ ރާއްޖޭގެ އިސްތިގްލާލާއި މިނިވަންކަން ގެއްލި، އިތުރު ގޮތެއް ނެތިގެން މެނުވީ އެ ޕާޓީން އިދިކޮޅާ ނުގުޅޭނެ ކަމަށެވެ. އަދި ކޯލިޝަނުން ބޭރު ނުވާނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

ގައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށް ފަށާފައިވާ "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ކެމްޕެއިނާއި ގުޅުމަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް އިދިކޮޅުން ވަނީ ދައުވަތު އަރުވާފައެވެ. އެގޮތުން ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު އަދި އެމްއާރްއެމްއަށް ވެސް ވަނީ ދައުވަތު އަރުވާފައެވެ. އަދި ކޯލިޝަންގެ ބޭރުން އެމްޑީއޭ އަށް ވެސް ދައުވަތު އަރުވާފައިވެއެވެ. 

އިދިކޮޅުން މި ދައުވަތު އަރުވާފައި ވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅާ ގުޅުމުގެ ޝައުގުވެރިކަން ތަކުރާރުކޮށް ފާޅުކޮށްފައި ވަނިކޮށެވެ. އެގޮތުން ރައީސް ސޯލިހާ އެކު ސިޔާސީ މަސައްކަތް ކުރެވެން ނެތް ކަމަށް ވިދާޅުވެ، ދެން ބޭނުންވަނީ ރައީސް ޔާމީންއާ ގުޅިގެން މަސައްކަތްކުރައްވަން ކަމަށް ވެސް ވިދާޅުވެފައިވަނިކޮށެވެ.

އެހެންނަމަވެސް އިދިކޮޅުން ވަނީ ރައީސް ނަޝީދާއި ނުގުޅޭނެ ކަމަށް ބުނެފައެވެ. އެގޮތުން ރައީސް ނަޝީދުގެ ވިސްނުންފުޅާއި ސިޔާސަތު ބަދަލުނުކުރައްވާނެކަން ޔަގީންވާ ކަމަށާއި، އެ ނޫން ގޮތަކަށް އެމަނިކުފާނާ ގުޅިގެން މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *