މީލާދީ އައު އަހަރުގެ ކިޔެވުން މާދަމާ ފެށޭތީ ސުކޫލުތައް ކައިރީ ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް ޓްރެފިކް ފުލުހުން އެދިއްޖެ އެވެ. 

ޓްރެފިކް ފުލުހުން ކޮށްފައިވާ ޓުވީޓެއްގައި ބުނީ 2021 ޖެނުއަރީ 10 ވަނަ ދުވަހު ސްކޫލްތައް ފެށުމަށް ހަމަޖެހިފައިވާތީ، ސްކޫލް ސަރަޙައްދުގައި ކުރަހާފައި އަދި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާއި ޚިލާފަށް ޕާރކް ކޮށްފައިވާ އުޅަނދުފަހަރު 2021 ޖެނުއަރީ 9 ވަނަ ދުވަހުގެ 18:00 ގެ ކުރިން ނަންގުމަށް އެދޭކަމަށެވެ. 

އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު ސުކޫލުތައް ހިމެނޭ ސަރަހައްދު ބާރުބޮޑުވާނެތީވެ، ޓްރެފިކް ފުލުހުން އިތުރަށް ހަރަކާތްތެރިވާނެ އެވެ. އެއީ ސުކޫލަށް ދަރިވަރު ވަނުމުގެ ކުރިން ދޮރާށިން ކޮންމެ ކުއްޖެއްގެވެސް ހުން ބަލާނެތީ އެވެ. 

ބުރާސްފަތި ދުވަހު ޖަޒީރާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވަނީ ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ 10 ގައި ފެށުމަށްޓަކައި ސްކޫލްތަކުންނާއި މިނިސްޓްރީއިން ވަމުން އަންނަ ތައްޔާރީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ ގުޅިގެން ސްކޫލްތަކުގައި އަމަލުކުރަންޖެހޭ އުސޫލުތަކެއް ތައްޔާރުކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ސްކޫލްތައް ބަންދުކުރުމަށްފަހު އެންމެ ފުރަތަމަ ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭރު މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ކިޔަވައިދީފައިވަނީ ގްރޭޑް 7 އިން ފެށިގެން މަތީ ގްރޭޑްތަކަށެވެ. ހުރިހާ ސްކޫލެއް ހުޅުވައިގެން ކިޔަވައިދީފައިވާއިރު، އެއްވެސް ސްކޫލެއްގެ ތެރެއިން ކޮވިޑް-19ގެ ކޭސްއެއް ފެންމަތިވެފައެއް ނުވެއެވެ. އެކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މިއީ ސްކޫލްތަކުން އަމަލުކުރަމުންދާ އުސޫލުގެ ހަރުދަނާކަމުން ކަމަށެވެ. 100 ކޮމްޕްލައިންސް ހުރިހާ ސްކޫލްތަކުން ލިބުނުކަމަށާއި އެކަމަށް އެޗްޕީއޭއިން ތައުރީފް ކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ބެލެނިވެރިންގެ އިތުބާރު ލިބިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.