ކޮވިޑް19އާ ގުޅިގެން ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުންނަށް ސަރުކާރުން ދެމުން އަންނަ އެލަވެންސްގެ ގޮތުގައި މިހާތަނަށް 90 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީއިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް 10,180 ހިދުމަތްތެރިއަކަށް 90.32 މިލިއަން ރުފިޔާ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ވަނީ ދޫކޮށްފައެވެ.
ކޮވިޑް ކޮންޓްރޯލްކުރުމަށާއި ބަލި މީހުންގެ ކަންކަން ބެލެހެއްޓުމުގައި ސިފައިންނާއި ފުލުހުން ވެސް ހިމެނޭ ގޮތަށް ދައުލަތުގެ ގިނަ މުވައްޒަފުންތަކެއް ދަނީ މަސައްކަތް ކުރަމުންނެވެ.
އެ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން މި އެލެވެންސް ދެމުން އަންނަނީ ރާއްޖެއިން ކޮވިޑް ފެނުނު ދުވަސް ކަމަށްވާ މިދިޔަ އަހަރުގެ މާޗް މަހުގެ ހަތްވަނަ ދުވަހުން ފެށިގެންނެވެ.
މާލެއިން އަދިވެސް ކޮވިޑްގެ ކޭސްތައް ފެންނަމުންދާއިރު މާލޭގެ ލޮކްޑައުން އުވާލެވޭ ވަރު އަދިވެސް ވަނީ ނުވެފައެވެ.