އިދިކޮޅު ކޯލިޝަނާއި ގުޅިގެން ސިޔާސީ މަސައްކަތްކުރުމަށް ސަރުކާރު ހިންގާ މައި ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ނޫން އެހެން ހުރިހާ ޕާޓީއަކަށް އިދިކޮޅުން ރަސްމީކޮށް ދައުވަތު އަރުވައިފިއެވެ.
އިދިކޮޅު ޕީޕީއެމުން ކޮށްފައިވާ ޓުވީޓެއްގައި ވަނީ އެޕާޓީން ގައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށް ފަށާފައިވާ "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ކެމްޕެއިނާއި ގުޅުމަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ދައުވަތު އަރުވާފައެވެ. އެގޮތުން ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު އަދި އެމްއާރްއެމްއަށް ވެސް ވަނީ ދައުވަތު އަރުވާފައެވެ. އަދި ކޯލިޝަންގެ ބޭރުން އެމްޑީއޭ އަށް ވެސް ދައުވަތު އަރުވާފައިވެއެވެ.
އިދިކޮޅުން މި ދައުވަތު އަރުވާފައި ވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅާ ގުޅުމުގެ ޝައުގުވެރިކަން ތަކުރާރުކޮށް ފާޅުކޮށްފައި ވަނިކޮށެވެ. އެގޮތުން ރައީސް ސޯލިހާ އެކު ސިޔާސީ މަސައްކަތް ކުރެވެން ނެތް ކަމަށް ވިދާޅުވެ، ދެން ބޭނުންވަނީ ރައީސް ޔާމީންއާ ގުޅިގެން މަސައްކަތްކުރައްވަން ކަމަށް ވެސް ވިދާޅުވެފައިވަނިކޮށެވެ.
އެހެންނަމަވެސް އިދިކޮޅުން ވަނީ ރައީސް ނަޝީދާއި ނުގުޅޭނެ ކަމަށް ބުނެފައެވެ. އެގޮތުން ރައީސް ނަޝީދުގެ ވިސްނުންފުޅާއި ސިޔާސަތު ބަދަލުނުކުރައްވާނެކަން ޔަގީންވާ ކަމަށާއި، އެ ނޫން ގޮތަކަށް އެމަނިކުފާނާ ގުޅިގެން މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅުގެ ސަބަބުން އެމްޑީޕީ ތެރޭގައި ބައިބައިވުން އުފެދި ކޯޅުމަކަށް ވެފައިވާއިރު ކޯލިޝަންގައި ހިމެނޭ އެހެން ހުރިހާ ޕާޓީއަކުން ވެސް ވަނީ މި ސަރުކާރުގެ ދައުރު ނިމެންދެން ރައީސް ސޯލިހާ އެކު ކޯލިޝަން ދެމެހެއްޓުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.