ކޮވިޑް 19 އަށް މިއަދު ރާއްޖެއިން 52 މީހަކު ޕޮޒިޓިވްވިއިރު އޭގެތެރެއިން ގިނައީ ރިސޯޓްތަކުން ފެނުނު ކޭސްތައް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަދު ޕޮޒިޓިވްވި 52 މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 14،040 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 11 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 6 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި 34 މީހުންގެ އިތުރުން ސަފާރީ އުޅަނދަކުން ޕޮޒިޓިވްވި މީހެކެވެ.
އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަދު ވަނީ 2،568 ސާމްޕަލް ޓެސްޓް ކުރެވިފައެވެ. މިވަގުތު ދިވެހިރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 705 އަށް އަރާއިރު، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން 41 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ރާއްޖެއިން ކޮވިޑް 19 ގައި 49 މީހަކު މަރުވެފައިވާއިރު 13،279 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.