ދިވެހިރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ މީޑިއާއެއްގައި ކުރި ރިޕޯޓްތައް ފުލުހުން ދޮގުކޮށްފިއެވެ.
މިރޭ ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ދިވެހި އަންހެނަކު ރޭޕްކުރި ކަމަށް ބުނެ މީޑިއާއެއްގައި ކުރި ރިޕޯޓަކާ ގުޅިގެން އެ އިދާރާއިން މައުލޫމާތު އޮޅުންފިލުވިއިރު، ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެތްކެއް ނެތްކަމަށެވެ. އެހެން ނަމަވެސް، އެރިސޯޓުގައި އިންޓަރންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި އެރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު އަތްލަން މަސައްކަތްކޮށްފައިވާކަމަށް އެއަންހެންމީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ފަރާތުން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މީޑިއާގައި މި މައްސަލައާ ގުޅޭގޮތުން ރިޕޯޓްކުރުމުގެ ކުރިން އެއްވެސް ފަރާތަކުން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށާއި ނއަދި އެ މައްސަލައާ ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބުނުއިރު ތުހުމަތުކުރެވޭ ފިރިހެން މީހާ ރާއްޖެއިން ފުރާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ ޖިންސީ ކުށުގެ ޚަބަރުތައް މީޑިއާތަކުން ގެނެސްދިނުމުގައި އަނިޔާ ލިބޭ ފަރާތްތައް އިތުރަށް ވިކްޓިމައިޒް ނުވާނެގޮތަށް ޚަބަރުތައް ގެނެސް ދިނުމަށް އިލްތިމާސްކޮށްފައެވެ.