ނ. ކުޑަފަރީގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ ތެރެއިން ބިމު އަޑީގައި ހޮޅި ވަޅުމުގެ މަސައްކަތް ފަށައިފި އެވެ.
ހުކުރު ދުވަހު ކުޑަފަރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ ތެރެއިން ބިމު އަޑީގައި ހޮޅި ވަޅުލުމުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވީ މިވަގުތު އެ ރަށަށް ވަޑައިގެން އުޅުއްވާ އެމްޑަބްލުއެސްސިގެ ޗެއަރމަން އަހުމަދު މައުސޫމާއި، މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހުގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އެވެ.
މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ، ފެން ކުންފުނި، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނި އާއިއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފަިއވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންގޮސް ނިންމާގޮތަށެވެ.
މަޝްރޫޢުގެ ދަށުން އެރަށުގައި 9.5 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް އެޅުމާއި، 8.1 ކިލޯމީޓަރުގެ ފެނުގެ ވިއުގަ އަޅުމުގެ މަސައްކަތް ކުރިއަށްގެންދާނެ އެވެ.