ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ދެ ސާރފް ސްޕޮޓް އޮންނަ ކ. ތަނބުރުދޫ ސާފު ކުރުމުގެ ހަރަކާތެއް މާދަމާ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިއްޖެއެވެ.
މި ހަރަކާތް ކުރިޔަށް ގެންދަނީ "ސޭވް އަވަރ ވޭވްސް" އިން އިސްނަގައިގެންނެވެ. މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 13:00 ގައެވެ. މި ހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތަށެވެ.
މި ހަރަކާތް ކުރިޔަށް ގެންދިޔުމަށް އެމްއެންޑީއެފްއާ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އަދި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ލިބޭ އެއްބާރުލުމަށް "ސޭވް އަވަރ ވޭވްސް" އިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ހަރަކާތާއި ގުޅޭގޮތުން ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ތިމާވެށި ހިމާޔަތްކުރުމަށް އެމްއެންޑީއެފް އަދި މަދަނީ ޖަމްއިއްޔާތަކުން ގުޅިގެން މިފަދަ މަސައްކަތެއް ކުރާއިރު މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުން ސީރިއަސް ކަންތައްތަކެއް ގޮތުގައި ބައްލަވާ ކަމަށެވެ. އަދި ތިމާވެއްޓަށް ދިމާވާ އެކިއެކި ނުރައްކާތަކާއި ހާދިސާތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމްއެންޑީއެފްގެ ޒިންމާއެއް ކަމަށް ވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ ތަނބުރުދޫ ކ. ތަނބުރުދޫ ތިލައިގެ ޒޮނޭޝަން މުރާޖަޢާކޮށް، ތަނބުރުދޫ ހިމެނޭގޮތަށް ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި އެ ސަރަޙައްދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ކަނޑައަޅުއްވާފައެވެ. މި ސަރަޙައްދު ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުއްވި މައިގަނޑު މަޤްޞަދަކީ، ކ. ތަނބުރުދުއާއި އެ ރަށް ވަށައިގެންވާ މާޙައުލަކީ ވެސް ޤުދުރަތީ އަދި ތަބީޢީ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދެއްކަމުގައި ވާތީއެވެ.