އުނގެނުމުގެ ހައްޤަކީ ކޮންމެ ދަރިވަރެއްގެ ހައްޤެއް ކަމަށާއި، ދަރިވަރުން ސުކޫލަށް ފޮނުވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ 10 ގައި ފެށުމަށް ވަނީ ނިންމާފަ އެވެ. 

ޖަޒީރާއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ ދަރިވަރަކު ސުކޫލަށް ފޮނުވުމަކީ ބެލެނިވެރިންގެ ޒިންމާއެއް ކަމަށެވެ. އަދި އުނގެނުމުގެ ހައްޤަކީ ދަރިވަރުގެ ހައްޤެއް ކަމަށެވެ. އެހެންކަމުން އެ ހައްޤު ކަށަވަރުކޮށްދިނުމަށް ބެލެނިވެރިންވެސް، މުދައްރިސުންވެސް އަދި މިނިސްޓްރީންވެސް މަސައްކަތް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

މިނިސްޓަރ ވިދާޅުވީ ސުކޫލުތައް ހުޅުވުމުން ބެލެނިވެރިން، ދަރިވަރުން ސުކޫލަށް ފޮނުވާނެކަމަށާއި، ކަންބޮޑުވުންތަކާއެކު މީގެކުރިންވެސް ދަރިވަރުން ސުކޫލަށް ފޮނުވި ކަމަށެވެ. އަދި ސުކޫލަށް ފޮނުވުމުން ސުކޫލުގެ ތެރޭގައި އިންތިޒާމްތައް ހުރި ގޮތް ފެނި ބެލެނިވެރިންގެ އިތުބާރު ލިބިފައިިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

"އެހެންވީމަ އަޅުގަނޑަކަށް ނުފެނޭ އެއްވެސް ބެލެނިވެރިއެއް، ނުފޮނުވަން ހުންނާނެއެކޭ." މިނިސްޓަރ ވިދަޅުވި އެވެ. 

މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ، އިޖުތިމާއީ ގައިދުރުކަމާއި އެއްކޮށް ސުކޫލަށް ގެންދާތީވެ ބައެއް ސުކޫލްތަކުގެ ދަރިވަރުންނަށް ކޮންމެ ދުވަހަކު ސުކޫލަށް ނުދެވިދާނެކަމަށާއި، އެ ސުކޫލްތައް ކުރިއަށްގެންދާނީ ޑުވެލް މޯޑަށް ކަމަށެވެ. އެގޮތުން ސުކޫލްގައި ކުރިއަށްގެންދާ ކްލާސްތަކުގެ އިތުރުން އޮންލައިންކޮށް ކްލާސްތައް ކުރިއަށްގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

"ވަރަށް ބޮޑު ފޯކަސްއެއް އެބަދެވޭ، އޯލެވެލް ކުދިންނަށް އޯލެވެލް އޮންނާނެ މެއި/ޖޫންގައި. އެހެންވީމަ އެ ކުދިން ހަމަ ކޮންމެ ދުވަހަކު ސުކުލަށްގެންދެވޭތޯ ވަރަށް ބޮޑަށް ހުރިހާ ސުކޫލަކުންވެސް އެބަ މަަސައްކަތްކުރޭ." މިނިސްޓަރ ވިދާޅުވި އެވެ. 

އުއްމީދަކީ ވީހާވެސް އަވަހަކަށް އާންމު ހާލަތަށް ރުޖޫއަވެވުންކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ މި ހާލަތުގައިވެސް ސުކޫލުތައް އޮތީ ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އަދި ހަފްތާގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސުކޫލެއްގެ ޕްރިންސިޕަލުންނާއި ބައްދަލުކުރެވިފައިވާކަން ފާހަގަކޮށް މިނިސްޓަރ ވަނީ ސުކޫލުތައް ފުރިހަމައަށް ތައްޔާރުވެފައިވާކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.