ކޮންޓްރެކްޓް ފާރމިންގގެ މަޝްރޫޢު މި މަހުގެ 22 ވަނަ ދުވަހު ލ. އަތޮޅުގައި ފަށެމަށް ހަމަޖެހިފައިވާ ކަމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވެއްޖެއެވެ. 

ޖަޒީރާ ނޫހަށް މައުލޫމާތު ދެއްވަމުން ހާރޫން ވިދާޅުވީ އެ މަޝްރޫއު ރަސްމީކޮށް ފެށުމަށް މި މަހުގެ 22 ވަނަ ދުވަހު ޚާއްސަ ރަސްމިއްޔާތެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މާދާމާ އެ ކުންފުނީގެ ލ. އަތޮޅުގައި ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ކަމަށާއި މި ޓީމުން ކުރަމުންދާނެ ކަމަކީ މި މަޝްރޫއުގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ފަރާތްތަކާއިއެކު ކޮންޓްރެކްޓްތަކުގައި ސޮއިކުރުން ކަމަށް ވެސް ހާރޫން ވިދާޅުވިއެވެ. 

އެގޮތުން މަޝްރޫއުގައި ބައިވެރިވުމަށް 458 ފަރާތަކުން ނަން ނޯޓުކޮށްފައިވާ ކަމަށާއި އޭގެތެރެއިން 33 ފަރާތަކާއެކު މިހާރު ވެސް ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ ކަމަށް ހާރޫން ވިދާޅުވިއެވެ. 

މި މަޝްރޫއުގެ ދަށުން އެ ކުންފުންޏާއެކު ކޮންޓްރެކްޓްގައި ސޮއިކުރާ ދަނޑުވެރިންނަށް ބޭނުންވާ ފަންްނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ، އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީ ގޮތެއްގައި އެ ކުންފުނިން ގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ ދަނޑުވެރިކަން ފުޅާކޮށް ދަނޑުވެރިން އުފައްދާ ތަކެތި މާކެޓްކުރެވި އަދި އެ ތަކެއްޗަށް ހަމަ އަގު ލިބިގެންދާނެ ކަމެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.