2008 ވަނަ އަހަރަށްފަހު ހުއްޓާލެވުނު "ދީނުގެމަގު" މަޖައްލާ އަލުން ވުޖޫދުކޮށް ފުރަތަމަ އަދަދު ނެރެފިއެވެ. 

އެ މަޖައްލާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިސްލާމް ދީނުގެ ސައްޚަ މައުލޫމާތު މީސްތަކުންގެ މެދުގައި ފެތުރުމަށް މަސައްކަތްކުރުމަކީ ހުރިހާ ޒަމާނަކަށް ނުހަނު ބޭނުންތެރި މަސައްކަތެއް ކަމަށެވެ. ހަމައެހެންމެ ދިވެހި މުޖުތަމައުއަށް އިސްލާމް ދީނުގެ ސައްޚަ މައުލޫމާތު ރަނގަޅު ދަލީލާއެކު އެނގުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން އެ މަޖައްލާއަކީ މިހާރު ވެސް އިލްމުވެރިން ކުރަމުން އަންނަ ބުރަ މަސައްކަތަށް އިތުރުވެގެންދިޔަ ބޮޅެއް ކަމަށް ވެސް ބުނެފައިވެއެވެ. 

މި މަޖައްލާ ދެވަނަ ފަހަރަށް ވުޖޫދަށް ގެނައުމަށް ކުރެވުނު މަސައްކަތްތަކަށް އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް އެ މަޖައްލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. މާލެ ސަރަހައްދާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި އަތޮޅު ތެރޭގެ ރަށްރަށުގައި މި މަޖައްލާ ހިލޭ ބަހަން ހަމަޖެހިފައިވާ ކަމަށާއި އަދި އެ ޓީމުގެ ފަރާތުން ކުރިޔަށް އޮތް ތަނުގައި އިތުރު ރަށްރަށަށް މަޖައްލާ ފޮނުވުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. 

މި މަޖައްލާ އެންމެ ފުރަތަމަ ޝާއިއުކުރަން ގަސްތުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް މުޅި ދުނިޔެއަށް ދިމާވި ކޮވިޑްގެ ނުރައްކަލާއި ގުޅިގެން އެ މަސައްކަތް ލަސްވެގެންދިޔަ ކަމަށް ވެސް އެ މަޖައްލާއިން ހާމަކޮށްފައިވެއެވެ. 

މި މަޖައްލާގައި ހިމެނިގެންދާނީ އިސްލާމް ދީނުގެ އާއްމު މައުލޫމާތު ތަކާއި ފިލާވަޅުތައް ކަމަށްވާއިރު ހަފްތާއަކު އެއް ފަހަރު މަޖައްލާ ނެރުމަށް ވަނީ ހަމަޖެހިފައެވެ. މި ނަމުގައި އެންމެ ފުރަތަމަ މަޖައްލާއެއް ނެރެން ފެށީ ދައުލަތުގެ ފަރާތުންނެވެ. އެގޮތުން 1987 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ރައީސް އޮފީހުގެ ފަރާތުން ކޮންމެ ހަފްތާއެކު މި މަޖައްލާ ޝާއިއުކޮށްފައިވެއެވެ. 

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.