ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ކުރިމިނަލް ކޯޓުގައި ދައުލަތުން އެދުނު އެދުމަކީ ޤައިރު ޤާނޫނީ އެދުމެއްކަމަށް، އެމަނިކުފާނުގެ ޤާނޫނި ވަކީލުންގެ ޓީމުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ޔާމީންގެ މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ކުރިމިނަލް ކޯޓުގައި ދައުލަތުން އެދިފައިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައެވެ.
އެ އަޑުއެހުމުގަައި ދައުލަތުން އެދުނު އެދުމާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޖަމީލް ވިދާޅުވީ އެ އެދުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމް ދަންނަކަމެއް ނޫންކަމަށެވެ. އެގޮތުން މީހެއްގެ އެކައުންޓުގައިހުރި ފައިސާއެއްގެ އަސްލު ބުނެ ނުދެވޭ ކޮންމެ ފަހަރަކު އެމީހެއްގެ މުދާ ނެގެނޭގޮތެއް ނޯންނަކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައި އެބައޮވޭ ހަޤީޤަތުގައި މުދާ ހޯދުމާއި ލިބިގަތުމުގެ ހައްޤުގެ އިތުރުން ކޮންމެ މީހަކީ މައުސޫމް ބަރީއަ މީހެއްކަމަށް. އެހެންވީމާ މީހެއްގެ އަތުގައި އެއްޗެއް ހުރުމާއެކީގައި އެ މީހަކީ ކުށްވެރިވާ، އެ އެއްޗަކީ ނެގެންޖެހޭ އެއްޗެއްކަމަށް ބަޔާންކޮށްފަކަ ނެތް
ބުރާސްފަތި ދުވަހު ދައުލަތުން އެދުނީ ފުއްގިރި ކުއްޔަށް ދީގެން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ނެގި 1 މިލިއަން ޑޮލަރާއި އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމަށެވެ.
އެ ދައުވާއާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ ދައުވާ އާއި އެމަނިކުފާނާ ގުޅޭ ގޮތެއް ސާފު ނުވާ ކަމަށާއި އެކަމަށްޓަކައި ލިޔުންތައް ވެސް މުހިންމުވާ ކަމަށެވެ. ގާޒީ ވަނީ ލިޔުންތަކުގެ ވާހަކަ ތަކުރާރު ނުކުރުމަށް އަންގަވާފައެވެ.
ރައީސް ޔާމީންގެ ވަކީލް ޝިޔާޒު ވިދާޅުވީ ގާޒީ ލިޔުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމެވިނަމަ އެ ނިންމުން ލިޔުމުން ބޭނުންވާ ކަމަށެވެ. އެ ނިންމުން އިސްތިއުނާފު ކުރުމަށް ބޭނުންވާ ކަމަށެވެ. ގާޒީ ވިދާޅުވީ ނިންމުންތައް ލިޔުމުން، އެ ލިބެން ޖެހޭ މަރުހަލާގައި ލިބޭނެ ކަމަށެވެ. އެއާއެކު ވަކީލް ވަނީ ލިޔުމުން އެ ނިންމުން ނުލިބޭނަމަ، ޝަރީއަތުގައި ދެން އިތުރަށް ވާޙަކަ ނުދައްކަވާނެ ކަމަށް ވިދާޅުވެފައެވެ. އެއާއެކު ގާޒީ ވަނީ ޝަރީއަތުގައި ގާޒީ އަންގަވާ އެންގުންތަކަށް ތަބާވެ، ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.