ފިނޭންސް މިނިސްޓްރީން ދައުލަތަށް 21 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުމެއްވާ ގޮތަށް، ނެޝެނަލް ޓެންޑަރ ބޯޑުން ތިން މަޝްރޫއެއް ހަވާލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް އެޑްވޮކެސީ ޗެމްބަރއިން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

އެޑްވޮކެސީ ޗެމްބަރއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ތިން މަޝްރޫއު ވެސް ހަވާލުކޮށްފައިވަނީ ބިޑް ޑޮކިއުމަންޓުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށް، އަދި މާލިއްޔަތު ގަވާއިދާވެސް ހިލާފަށް ދައުލަތަށް 21.6 މިލިއަން ރުފިޔާގެ ގެއްލުންވާ ގޮތަށް ކަމަށެވެ.

އެ ބަޔާނުގައި ބުނީ އެ ތިން މަޝްރޫ އަކީވެސް މިއަހަރު ތެރޭގައި ހަވާލުކޮށްފައިވާ ތިން މަޝްރޫ ކަމަށެވެ. އެގޮތުން އެއީ 27 ޖެނުއަރީގައި ބީލަމަށް ހުޅުވާލި ހދ. ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ ހައުސިން ޔުނިޓް ނިންމުމުގެ މަސައްކަތުގެ މަޝްރޫޢު އާއި 2 ފެބްރުއަރީގައި ބީލަމަށް ހުޅުވާލި ތ. ވިލުފުށީގައި އިމާރާތްކުރާ ހައުސިން ޔުނިޓްގެ މަޝްރޫއު އަދި 15 ފެބްރުއަރީގައި ބީލަމަށް ހުޅުވާލި ހދ. ނޮޅިވަރަންފަރުގައި އިމާރާތްކުރާ ހައުސިން ޔުނިޓްގެ މަޝްރޫއެވެ. އޭގެ ތެރެއިން ދެ މަޝްރޫގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިވެސް ކޮށްފައެވެ.

މި ތިން ޕްރޮޖެކްޓަށް ވެސް ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއްގައި ހުށަހަޅާފައި ވަނީ އެސްޖޭ ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ކޮންސްޓްރަކްޝަންސްގެ ފަރާތުންކަން ބަޔާނުގައި ފާހަގަށްކޮފައިވެއެވެ. ބިޑްތައް އިވެލުއޭޓްކޮށް އެވޯޑްކޮށްފައި ނުވަނީ އެސްޖޭގެ ހުށަހެޅުމުގައި ބީލަން ކަރުދާހުގައި ބުނާ މުވައްޒަފުންގެ ހަމަތަކާއި، މާލީ ހަމަތައް ފުރިހަމަނުވާތީ ކަމަށް ޓެންޑަރ ބޯޑުން އަންގާފައިވާ ކަމަށް ވެއެވެ.

ޓެންޑަރ ބޯޑުގެ އެ ނިންމުން ބަލައިނުގަންނަކަން ފާހަގަކޮށްފައިވިވާއިރު، އެ މައްސަލަ މިހާރު ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ އެކަމުގައި ކަޑައްތުކުރަންޖެހޭ މަރުހަލާތައް ކަޑައްތުކޮށްފައެވެ. އެގޮތުން މިނިސްޓްރީގެ ފިނޭންސް ޕްރޮކިއުމަންޓް އޮފިސަރަށް ވެސް ހުށަހަޅާ އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމާއި، އެފަދަ މައްސަލަތަކުގައި އެންމެ ފަހުބަސް ބުނާ މުސްތަގިއްލު ރިވިއު ކޮމިޓީން އެސްޖޭއާ އެއްކޮޅަށް މައްސަލަ ނިންމުމުން އެގޮތަށް އަމަލުކުރަން ޓެންޑަރ ބޯޑުން ދެކޮޅު ހަދާފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޕްރޮކިއުމަންޓް އޮފިސަރަށް ހުށަހަޅާ މައްސަލަތައް ބަލާ ނިންމާ 14 ދުވަސްތެރޭގައި ނިންމުމުގެ ލިޔެކިޔުން މައްސަލަ ހުށަހެޅި ފަރާތަށް ދޭން ޖެހެއެވެ. އެކަމަކު ތިން މައްސަލައިގެ ތެރެއިން ޖަވާބެއް ލިބިފައިވަނީ ވިލުފުށި މައްސަލައަށް އެކަނި ކަމަށްވާއިރު އޮފިސަރ ވެސް ނިންމާފައި ވަނީ ޓެންޑަރ ބޯޑުން ބުނެފައިވާގޮތަކަށެވެ.

އެކަމަކު އެ ނިންމުން ގަބޫލުނުކުރާކަން ފާހަގަކޮށް ބުނީ މާލިއްޔަތު ގަވާއިދުގެ ދަށުން ބިޑްތަކުގެ މައްސަލަ މިނިސްޓްރީ އޮފް ފިނޭންސްގެ ޕްރޮކިއުމަންޓް އޮފިސަރަށް އެސްޖޭގެ ފަރާތުން ހުށަހަޅާފައިވާކަމަށެވެ. އެ މައްސަލަ 14 ދުވަސް ތެރޭގައި ބަލާ ނިންމާ އޭގެ ލިޔެކިޔުންތައް ދޭން ޖެހޭ އިރު، އެ ތިން ޕްރޮޖެކްޓުގެ ތެރެއިން ވިލުފުށީގެ މައްސަލަ ނޫން އެހެން އެއްވެސް ޕްރޮޖެކްޓަކާ ގުޅުން ހުރި މައުލޫމާތުތައް ނިންމާ އަންގާފައިނުވާ ކަމަށް ވެސް ބަޔާނުގައިވެއެއެވެ.

އެސްޖޭއިން މި މައްސަލަ މުސްތަގިއްލު ރިވިއު ކޮމިޓީއަށް ހުށަހެޅީ 28 މާޗުގައެވެ. އެގޮތުން އެ ތިން މަޝްރޫއަށް ވެސް އެސްޖޭއިން ހުށަހަޅާފައިވަނީ ޝަރުތުހަމަވާ ޑޮކިއުމަންޓްތަކެއްކަން ފާހަގަކޮށް އެ ބީލަންތައް އަލުން އިވެލުއޭޓްކޮށް، ކުރިއަށް ގެންދިއުމަށް ކޮމިޓީގެ ފަރާތުން ޓެންޑަރ ބޯޑަށް އަންގާފައިވާ ކަމަށް ބަޔާނުގައިވެއެވެ. އެހެންނަމަވެސް އެގޮތަށް އަމަލުނުކުރުމަށް ޓެންޑަރ ބޯޑުން ނިންމާފައިވާކަމަށް ވެސް ބުނެފައިއެވެ.

އެސްޖޭއިން ބުނީ މުސްތަގިއްލު ރިވިއު ކޮމެޓީގެ ނިންމުމަކީ ޤާނޫނީ ބާރު ލިބިގެންވާ ނިންމުމެއްކަމަށްވާއިރު، އެ ނިންމުމާ ޚިލާފަށް ނޭޝަނަލް ޓެންޑަރއިން އަމަލުކުރުމަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 17 ގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ވެސް ފުށުއަރާކަމެއް ކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *