ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޔެއް ގިރިއަކަށް އަރައި އަޑިއަށް ގޮސްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ދޯންޔަކީ މުދާ އަރުވައިގެން ރ. މީދޫއަށް ދަތުރުކުރަމުންދިޔަ ދޯންޔެކެވެ. އެގޮތުން ރ. ފިލާދޫ ކައިރީ އޮންނަ ގިރިއަކަށް މި ދޯނި އަރާފައިވަނީ މިއަދު މެންދުރު 01:03 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ގިރިއަށް ދޯނި އެރުމުގެ ސަބަބުން ދޯނީގެ ބޮޑުބައެެއް އަޑިއަށް ގޮސް ދޯނީގައި ދަތުރުކުރަމުންދިޔަ ތިން މީހުން ކަނޑުވި ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި ތިން މީހުން ވެސް ފުލުހުން ސަލާމަތްކުރިއިރު އެ ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށްވުމާއެކު ކަނޑުމަތީގައި ހިނގާ މިފަދަ ހާދިސާތައް އެހެން ދުވަސްވަރުތަކަށް ވުރެ ވަނީ އިތުރުވެފައެވެ.