ތަމްރީނުތަކަށް ޕޭލީވް އަދި ނޯޕޭ ލީވް ދީފައިވާ މުވައްޒަފުންގެ ތެރެއިން، ތަމްރީނުތަކުން ފާސްނުވާ ނުވަތަ ތަމްރީނު ފުރިހަމަނުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާގޮތަށް ސިވިލް ސަރވިސްގެ އުސޫލު ބަދަލުކޮށްފި އެވެ.

ސިވިލް ސަރވިސް ކޮމިޝަނުން އާންމުކޮށްފައިވާ ސަރކިއުލާއެއްގައި ބުނެފައިވަނީ ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީނަކުން ނުވަތަ ކޯހަކުން މުވައްޒަފު ފާސްނުވެއްޖެ ނަމަ، ނުވަތަ އެ ތަމްރީނެއް ނުވަތަ ކޯހެއް ފުރިހަމަނުކޮށްފި ނަމަ، ޤާނޫނާއި ގަވާއިދާ އެއްގޮތަށް އެ މުވައްޒަފު ވަޒީފާއިންވަކިކުރާނެކަމަށެވެ. އަދި މުވައްޒަފާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތަމްރީނުކުރުމަށް ޚަރަދުކުރެވުނު ފައިސާ އަނބުރާ ހޯދާނެކަމަށެވެ. 

އޭގެއިތުރުން ވަޒީފާގެ ވާޖިބުތަކާ ގުޅުމެއްނެތް ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ ނުވަތަ ކޯސް ފުރިހަމަނުކުރާ މުވައްޒަފުން ނުވަތަ އެ ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ މުވައްޒަފުން، ކުރިން އަދާކުރަމުންދިޔަ މަޤާމަށް ރުޖޫޢަކުރާނެކަމަށްވެސް އައު އުސޫލުގައިވެއެވެ. އަދި މަތީ މަޤާމެއް ރިޒާވްކޮށްގެން ތަމްރީނުތަކަށް ދޫކުރާ މުވައްޒަފުން، ތަމްރީނު ނުވަތަ ކޯސް ފުރިހަމަ ނުކުރާ ނަމަ، ނުވަތައެ ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ ނަމަ، އެ މުވައްޒަފު ވީއްލިއިރު ހުރި މަޤާމަށް ވަޒީފާ ހަމަޖެއްސުމަށާއި، އަދި އެ މަޤާމަށް މީހަކު އައްޔަންކޮށްފައިވާނަމަ، އެ މަޤާމާ އެއް ރޭންކެއްގެ މަޤާމަކަށް ވަޒީފާ ހަމަޖައްސާނެކަމަށް އައު އުސޫލުގައިިވެއެވެ. 

އުސޫލުގައި އިތުރަށް ބުނެފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 237 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މުސާރަ ނުވަތަ މުސާރައާއި ސަރވިސް އެލަވަންސް ލިބޭގޮތަށް ތަމްރީނަކަށް ނުވަތަ ކޯހަކަށް ފޮނުވާފައިވާ މުވައްޒަފެއްނަމަ، އެ ތަމްރީނަކަށް ނުވަތަ ކޯހަކަށް ޚަރަދުކުރެވުނު ފައިސާގެ ބަދަލުގައި، ފައިސާ ޚަރަދުކުރި މުއްދަތަށް ރިޢާޔަތްކޮށް، ދިވެހި ސިވިލް ސަރވިސްއަށް ހިދުމަތްކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދައި، އެ މުއްދަތަށް ޚިދުމަތްކުރާ ގޮތަށް ހަމަޖެއްސޭނެކަމަށެވެ. އަދި ފައިސާގެ އިތުރުން، ތަމްރީނަކާ ނުވަތަ ކޯހަކާ ގުޅިގެން ކޮށްފައިވާ އިތުރު ޚަރަދުތަކަށްވާ ފައިސާއެއް މުވައްޒަފެއްގެ ފަރާތުން އަނބުރާ ހޯދުމަށާއި، އެގޮތުން އެ ފައިސާ އެއްފަހަރާ ދައްކާ ގޮތަށް ނުވަތަ މަހުން މަހަށް މުސާރައިން އުނިކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދައި، ފައިސާ ހޯދޭނެކަމަށްވެސް އައު އުސޫލުގައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.