ކުރީގެ ރައީސް އަބްދުﷲ ޔަމީނާއިމެދު އަމަލުކުރަމުންދަނީ، ކުރީގެ ރައީސް އިބްރާހިމް ނާސިރާއިމެދު އަމަލުކުރިގޮތަށްކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓުވީޓަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ކުރީގެ ރައީސް ޔާމީންގެ މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ކުރިމިނަލް ކޯޓުގައި ދައުލަތުން ބުރާސްފަތި ދުވަހު ދައުލަތުން ވަނީ އެދިފަ އެވެ. މިގޮތަށް ދައުލަތުން އެދިފައިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައެވެ. 

އެ މައްސަލާގައި ރައީސް ޔާމީންގެ ޕީއެންސީގެ ނައިބް ރައީސްކަންވެސް ކުރައްވާ އަދި ހުދުމުހުތާރު އަނިޔާވެރި ވެރިކަމުގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަރްހޫމް ނާސިރުގެ މުދާވެސް ދައުލަތަށް ނެގިކަމަށެވެ. އަދި ޤައުމަށްވީ ފައިދާއެއް  ރައްޔިތުންނަށް ހާސިލްކުރެވުނު އެއްކަމެއްވެސް ނެތްކަމަށާއި، ރައީސް ޔާމީނާއިމެދު އަމަލުކުރަމުންދަނީ ރައީސް ނާސިރާއިމެދު އަމަލުކުރިގޮތަށްކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. 

އާދަމް ޝަރީފް ވިދާޅުވީ ބަދަލުހިފަނީ ސަރުކާރު ބަލިކަށިވާތީ، އެކްޓިވިސްޓުން ރުއްސުމަށްކަމަށެވެ. 

އާދަމް ޝަރީފްގެ ޓުވީޓަށް ރައްދުދެއްވައި ޤާނޫނީ ވަކީލް އަދި ޕްރޮސިކިއުޓަރ ޖެނެރަލްކަންވެސް ކުރެއްވި އަހުމަދު މުއިއްޒު ވިދާޅުވީ ރައީސް ނާސިރުގެ މުދާ ދައުލަތަށް ނެގީ ދައުލަތުން ބޭނުންވެގެން ބަދަލުދީފައިކަމަށެވެ. ކުރި ކުށަކާއި ގުޅިގެން މުދާ ނަގާފައިނުވާކަމަށް މުއިއްޒު ވިދާޅުވި އެވެ. 

ޝަރީފަށް ރައްދުދެއްވަމުން ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަަޖިލީހުގެ މެމްބަރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ ނޭނގިހުރެ ވާހަކަ ނުދެއްކެވުމަށް ޝަރީފަށް އިލްތިމާސްކުރައްވާކަމަށެވެ. އަދި ރައީސް ނާސިރުގެ މުދާ ދައުލަތަށް ނަގަންވެގެން ރައްޔިތުންގެ މަޖިލީހުން ކުރި ތަހުޤީޤްތަކުން އެމަނިކުފާނުގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައިނުވާކަމަށް އިބްރާ ވިދާޅުވި އެވެ. އެހެނަސް ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ހުޅުވާލެވިފައިވާ ޝަރީއަތަކުންކަމަށް އޭނާ ވިދާޅުވި އެވެ. 

މައްސަލާގައި ބުރާސްފަތި ދުވަހު އިބްތިދާއީ އަޑުއެހުން ބާއްވާފައިވަނީ ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާ އިއްވައި، ދައުވާ ސާފު ކުރުމަށްޓަކައެވެ. ނަމަވެސް އަޑުއެހުން ފެށުމާއެކު ރައީސް ޔާމީންގެ ފަރާތްޕުޅުން ލިޔުންތަކެއް ނުލިބޭ ކަމުގެ ޝަކުވާ އުފުލިއެވެ. މި ޝަކުވާއަކީ މީގެކުރިން ވެސް އެތައް އަޑުއެހުމެއްގައި އުފުލާފައިވާ ޝަކުވާއެކެވެ. އެކަމާ ހުރެ އަޑުއެހުންތައް ވަނީ ދިގުލައިގެން ގޮސްފައެވެ.

ރައީސް ޔާމީންގެ އެދިވަޑައިގަންނަވަނީ ދައުވާއާ ގުޅޭ ލިޔުންތަކެއް ދައުލަތުގެ މުއައްސަސާތަކުން ހޯދުމަށެވެ. އެ ލިޔުންތަކަކީ ދައުވާގައި ހިމެނޭ ލިޔުންތަކެއް ނޫން ކަމުން އެ ހޯދައިދިނުމަކީ ދައުލަތުގެ ޒިންމާއެއް ނޫން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމަށް ޝަރީއަތުން އަމުރުކޮށްފިނަމަ އެކަން ކުރާނެ ކަމަށް ބުނެފައިވެއެވެ. ދައުލަތުގެ ވަކީލް މިއަދު ވިދާޅުވީ އެ ލިޔުންތަކާ ގުޅޭ ހުށަހެޅުމެއް، ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހަޅުމެއްގެ ގޮތުގައި ހުށަހެޅިދާނެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވަކީލް ޝިޔާޒު ވިދާޅުވީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ވެސް ހުށަހެޅޭނީ އެ ލިޔުންތައް ލިބިގެން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ފުރިހަމައަށް ޖަވާބުދާރީވެ ދިފާއު ވެވޭނީ އެ ލިޔުންތައް ލިބިގެން ކަމަށެވެ. އެ ލިޔުންތައް ލިބުމަކީ އެމަނިކުފާނަށް ގާނޫނު އަސާސީއިން ލިބިދީފައިވާ ހައްގެއް ކަމަށާއި މީގެކުރިން ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި ވެސް އެ ހައްގު އެމަނިކުފާނަށް ލިބިފައިނުވާ ކަމަށެވެ. އެ ލިޔުންތައް ނެތް ނަމަވެސް ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ އަހުމަދު ޝަކީލް ނިންމެވިއެވެ. އަދި ދައުވާ އިއްވުމަށް އެންގެވިއެވެ.

އެއާއެކު ދައުލަތުން ވަނީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އިއްވާފައެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެ ދައުވާއާ ގުޅޭ އަމުރެއް ނެރެދިނުމަށް ވެސް އެދުނެވެ. ދައުލަތުން އެދުނީ ފުއްގިރި ކުއްޔަށް ދީގެން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ނެގި 1 މިލިއަން ޑޮލަރާއި އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.