ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ ކޮންމެ 10 އަންހެނުންނުގެ ތެރެއިން އެކަކީ އެންޑޯމެޓްރިއޯސިސްގެ ބަލި ތަހައްމަލުކުރާ އަންހެނެކެވެ. ދުނިޔޭގެ އާބާދީއަށް ބަލާއިރު މިއީ 176 މިލިއަން އަންހެނުންނެވެ. އެހާ ގިނަ އަންހެނުންނަށް ދިމާވާ ކަމަކަށްވާއިރު މި ބަލި ހުންނަ ގިނަ މީހުން މި ބައްޔަށް ފަރުވާއެއް ނުހޯދައެވެ.

މި ބަލި ހުންނަ މީހުންނަށް މި ބައްޔާ ބެހޭގޮތުން ނޭނގޭ މައިގަނޑު ސަބަބަކީ މައްސަރު ކަންތައް ނުވަތަ ޕީރިއަޑް ވުމަކީ އަދިވެސް މުޖުތަމައު ތެރޭގައި މީހުން ވާހަކަ ދައްކަން ފަސްޖެހޭ މަޢުޟޫޢުއެކެވެ. 

ވާހަކަ ދައްކަން ޖެހިލުންވާ މަޢުޟޫއުއަކަށް ޢާއްމު ހޭލުންތެރިކަން ކުޑަ ވާނެ ކަމަކީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. މުޖުތަމައުގައި މައްސަރުކަންތާ ގުޅިގެން ޒަމާނުއްސުރެ މި އޮންނަ ސަބަބު ނުހިފޭ ލަދުވެތިކަމުގެ ސަބަބުން ގިނަމި ކަމަށް ހައްލެއް ހޯދުމަށް އުޅުމުގެ ބަދަލުގައި މި ނުރައްކާތެރި ބަލީގެ ވޭނުގައި ތިބެނީއެވެ.

އެންޑޯމެޓްރިއޯސިސް އަކީ ރަހިމުގެ އެތެރޭގައި އުފެދޭ ބާވަތުގެ ދިރު (ބޮޑީ ޓިޝޫ) ރަހިމުގެ ބޭރުގައި އުފެދުމުން ދިމާވާ ވޭންހުރި ބައްޔެކެވެ. ކޮންމެ މަހެއްގައިވެސް ވަކި އުމުރެއްގެ އަންހެނުންގެ ރަހިމު ދަރިމައިވުމަށް ތައްޔާރު ވެއެވެ. އެގޮތުން އެކަމަށް ރަހިމުގެ އެތެރޭގައި އުފެދޭ ދިރު (ބޮޑީ ޓިޝޫ) އަދި ލޭގެ ނިޒާމު، ދަރިމައި ނުވާނަމަ ހަލާކުވެ ލޭގެ ގޮތުގައި ގައިން ބޭރުވެއެވެ. މިއީ މައްސަރުވުން ނުވަތަ ޕީރިއަޑްވުމެވެ. 

އެންޑޯމެޓްރިއޯސިސް ހުންނަ މީހުންނަށް ވާގޮތަކީ ރަހިމުގެ އެތެރެއެކޭ އެއްފަދައިން ރަހިމުގެ ބޭރުގައިވެސް މި ދިރު (ބޮޑީ ޓިޝޫ) އުފެދުމެވެ. ނަމަވެސް ރަހިމުގެ އެތެރޭގައި އުފެދޭ ދިރު ބޭރުވާނެ ގުދުރަތީ ނިޒާމެއްފަދަ ނިޒާމެއް މިއަކަށް ނުވެއެވެ. 

މައްސަރު ދުވަސްވަރުގައި ދައްބަނޑުގައި ރިއްސުމަކީ ގިނަ އަންހެނުންނަށް ކުރިމަތިވާ ކަމެއް ކަމުގައި ވިޔަސް މި ބަލި ތަހައްމަލްނުކުރާ މީހުންނާ އަޅާބަލާއިރު އެންޑޯމެޓްރިއޯސިސް ހުންނަ މީހުންނަށް އާދަޔާ ޙިލާފަށް ވޭން ތަހައްމަލު ކުރަންޖެހެއެވެ. ކުޑަކަމުދިޔުމާއި ބޮޑުކަމުދިޔުމުގައި ތަދުވުންއެކަށީގެންވެއެވެ. މައްސަރު ދުވަސްވަރުގައި ތަހައްމަލު ކުރަންޖެހޭ ވޭނުގެ އިތުރުން ދަރިމައިވުމަށް ނުކުޅެދުންތެރިވުމަކީވެސް އެންޑޯމެޓްރިއޯސިސްގެ އަލާމާތެކެވެ. ލަފާކުރެވޭ ގޮތުގައި އެންޑޯމެޓްރިއޯސިސް ހުންނަ ތިން އަންހެނުން ކުރެ އެއް އަންހެނަކީ ދަރިމައިވުމުގެ މައްސަލަ ދިމާވާނެ އެކެކެވެ.

މައިގަނޑު ގޮތެއްގައި އާއިލީ ގޮތުން ވާރުތަވެގެން ނުވަތަ ހަށިގަނޑުގައި އެސްޓްރޮޖެން ލެވެލްސް މަތިވުމުން މިބަލި ހުރުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. މިހާތަނަށް މިބައްޔަށް ފަރުވާއެއް ހޯދިފައިނެތަސް މިބަލި ހުރިތޯ އަވަހަށް ދެނެގަނެ ކޮންޓްރޯލް ކުރުމަށްމަސައްކަތް ކުރެވިދާނެއެވެ. ގަވާއިދުން ކަސްރަތުކުރުމާއި ހަށިގަނޑަށް ފައިދާ ހުރި ކެއުމުގެ އާދަތައް އިޙްތިޔާރުކޮށް ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް މަސައްކަތްކުރެވިދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.