މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގައި (އެމްޕީއެލް)ގައި ޕެލެޓެއް އަރިއަޅައިގެން މިއަދު ހިނގައިދިޔަ ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރެވޭނެކަމަށް އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް އަބްދުﷲ (އިއްބެ) ވިދާޅުވެއްޖެއެވެ.

މިރޭ ޖަޒީރާނޫހަށް މައުލޫމާތު ދެއްވަމުން އިއްބެ ވިދާޅުވީ، މި ހާދިސާގައި އަނިޔާވީ 2 މަޖޫރީންނަށް ކަމަށެވެ. އެ ދެ މީހުންގެ ހާލުވެސް އެމްޕީއެލްގެ ފަރާތުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި މި ހާދިސާ ހިނގާދިޔަ ގޮތުގެ ފުރިހަމަ އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދާނެކަމަށްވެސް އިއްބެ ވިދާޅުވިއެވެ.

އިއްބެ އިތުރަށް ވިދާޅުވީ، މި ހާދިސާ ހިނގީ މިރޭގެ ވަގުތެއްގައި ކޮންޓެއިނަރަކުން ބިއްލޫރި ޕެލެޓްތަކެއް ނެރުމަށް މަސައްކަތްކުރަމުން ދަނިކޮށް ކަމަށެވެ. އެގޮތުން އެ ޕެލެޓްތައް ނެރުމަށް ކެރޭނެއް މެދުވެރިކޮށް މަސައްކަތްކުރަމުން ދިޔަ ވަގުތު ޕެލެޓްގެ ބެލެންސް ކަޓާލައި ވެއްޓުނު ވަގުތު ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. މި ޕެލެޓްތައް ނެރުމަށް ތިން މީހަކު ހަރަކާތްތެރިވި ނަމަވެސް އެތަނުން އެކަކަށް ސަލާމަތްވެވުނު ކަމަށް އިއްބެ ވިދާޅުވިއެވެ.

އަދި އޭގެ ތެރެއިން ދެ މީހަކަށް އެކި ވަަރުގެ އަނިޔާތައް ވިއިރު ދެވަނަ މީހާ ކޮންޓެއިނަރު ތެރޭގައި ތާށިވުމާއި ގުޅިގެން އެ މީހާ ނެރުމަށް މަސައްކަތް ކޮށްފައިވަނީ އެމްއެެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއިން ކަމަށް އިއްބެ ވިދާޅުވިއެވެ. މީގެ ތެރެއިން ތާށިވީ ނ.ލަންދޫއަށް ނިސްބަތްވާ ޒުވާނެކެވެ. ދެ މީހުންނަށް ވެސް ވަގުތުން ފަރުވާ ދިނުމަށް އައި.ޖީ.އެމް ހޮސްޕިޓަލްގެ ޕެރަމެޑިކުން ހަރަކާތްތެރިވި ކަމަށް ވެސް އިއްބެ ވިދާޅުވިއެވެ.

ސަލާމަތްކުރި ފުރަތަމަ މީހާގެ އަތުގައި ވަރަށް ފުންކޮށް ޒަހަމްވެފައި ހުރި ތަނެއް ހުރި ކަމަށާއި އަދި އޭނާގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް އިއްބެ ވިދާޅުވިއެވެ. އަދި އޭނާގެ އެކްސްރޭތައް މިހާރު ހަދަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ދެވަނަ މީހާގެ އަތް ބިންދައިގެން ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށާއި އެހެން ނަމަވެސް އިތުރު އަނިޔާއެއް ވެފައިވާކަން ކަށަވަރުކުރެވޭނީ ޓެސްޓްތަކަށްފަހު ކަމަށް ވެސް އިއްބެ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.