މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސަރަހައްދުގައި ކޮންޓެއިނަރަކުން ބިއްލޫރި ޕެލެޓްތަކެއް ނެރެން އުޅުމުގެ ތެރޭގައި އަނިޔާވި ދެ މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފިއެވެ. 

މި ދެ މީހުން ވެސް ގެންގޮސްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އަށެވެ. މި ހާދިސާގައި އަނިޔާވީ ދެ މަޖޫރީންނަށެވެ. މީގެތެރެއިން ތާށިވީ ނ. ލަންދޫއަށް ނިސްބަތްވާ ޒުވާނެކެވެ. 

ޖަޒީރާ ނޫހަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް އަބްދުﷲ (އިއްބެ) ވިދާޅުވީ މި ހާދިސާ ހިނގީ މިރޭގެ ވަގުތެއްގައި ކޮންޓެއިނަރަކުން ބިއްލޫރި ޕެލެޓްތަކެއް ނެރުމަށް މަސައްކަތްކުރަމުން ދަނިކޮށް ކަމަށެވެ. އެގޮތުން އެ ޕެލެޓްތައް ނެރުމަށް ކެރޭނެއް މެދުވެރިކޮށް މަސައްކަތްކުރަމުން ދިޔަ ވަގުތު ޕެލެޓްގެ ބެލެންސް ކަޓާލައި ވެއްޓުނު ވަގުތު ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. މި ޕެލެޓްތައް ނެރުމަށް ތިން މީހަކު ހަރަކާތްތެރިވި ނަމަވެސް އެތަނުން އެކަކަށް ސަލާމަތްވެވުނު ކަމަށް އިއްބެ ވިދާޅުވިއެވެ. 

އަދި އޭގެ ތެރެއިން ދެ މީހަކަށް އެކި ވަަރުގެ އަނިޔާތައް ވިއިރު ދެވަނަ މީހާ ކޮންޓެއިނަރު ތެރޭގައި ތާށިވުމާއި ގުޅިގެން އެ މީހާ ނެރުމަށް މަސައްކަތް ކޮށްފައިވަނީ އެމްއެެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއިން ކަމަށް އިއްބެ ވިދާޅުވިއެވެ. އަދި ދެ މީހުންނަށް ވެސް ވަގުތުން ފަރުވާ ދިނުމަށް އައި.ޖީ.އެމް.އެޗް ހޮސްޕިޓަލްގެ ޕެރަމެޑިކުން ހަރަކާތްތެރިވި ކަމަށް ވެސް އިއްބެ ވިދާޅުވިއެވެ. 

ސަލާމަތްކުރި ފުރަތަމަ މީހާގެ އަތުގައި ވަރަށް ފުންކޮށް ޒަހަމްވެފައި ހުރި ތަނެއް ހުރި ކަމަށާއި އަދި އޭނާގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް އިއްބެ ވިދާޅުވިއެވެ. އަދި އޭނާގެ އެކްސްރޭތައް މިހާރު ހަދަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ދެވަނަ މީހާގެ އަތް ބިންދައިގެން ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށާއި އެހެން ނަމަވެސް އިތުރު އަނިޔާއެއް ވެފައިވާކަން ކަށަވަރުކުރެވޭނީ ޓެސްޓްތަކަށްފަހު ކަމަށް ވެސް އިއްބެ ވިދާޅުވިއެވެ. 

މި މައްސަލަ އެމްޕީއެލްއިންް ތަހުގީގުކުރާނެ ކަމަށާއި އަދި އެ މީހުންގެ ހާލަތު އެމްޕީއެލްގެ ފަރާތުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް އިއްބެ ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.