އެންމެ ބޮޑު އިސްކަމެއް ދެނީ ދަރިވަރުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ޖަޒީރާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ ވަނީ ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ 10ގައި ފެށުމަށްޓަކައި ސްކޫލްތަކުންނާއި މިނިސްޓްރީއިން ވަމުން އަންނަ ތައްޔާރީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ ގުޅިގެން ސްކޫލްތަކުގައި އަމަލުކުރަންޖެހޭ އުސޫލުތަކެއް ތައްޔާރުކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ސްކޫލްތައް ބަންދުކުރުމަށްފަހު އެންމެ ފުރަތަމަ ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭރު މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ކިޔަވައިދީފައިވަނީ ގްރޭޑް 7 އިން ފެށިގެން މަތީ ގްރޭޑްތަކަށެވެ. ހުރިހާ ސްކޫލެއް ހުޅުވައިގެން ކިޔަވައިދީފައިވާއިރު، އެއްވެސް ސްކޫލެއްގެ ތެރެއިން ކޮވިޑް-19ގެ ކޭސްއެއް ފެންމަތިވެފައެއް ނުވެއެވެ. އެކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މިއީ ސްކޫލްތަކުން އަމަލުކުރަމުންދާ އުސޫލުގެ ހަރުދަނާކަމުން ކަމަށެވެ. 100 ކޮމްޕްލައިންސް ހުރިހާ ސްކޫލްތަކުން ލިބުނުކަމަށާއި އެކަމަށް އެޗްޕީއޭއިން ތައުރީފް ކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ބެލެނިވެރިންގެ އިތުބާރު ލިބިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުންވެސް، މިނިސްޓްރީއިން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ދަރިވަރުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށާއި، ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެކަމަށް ވިދާޅުވިއެވެ. ބެލެނިވެރިންގެ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި އެ ކަންބޮޑުވުންތައް މިނިސްޓްރީގެ ވެސް ހުރިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ސްކޫލްތައް ބަންދުކޮށްފައި އޮތުމުން ވަރަށް ބޮޑު ބައެއް ދަރިވަރުންނަށް ގެއްލިގެންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހުޅުވާލަން ނިންމީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖެނުއަރީ 10ގައި ދިރާސީ އަހަރު ފެށިގެންދާއިރު ސްކޫލްތަކުން އަންނަނީ ރައްކާތެރިކަމުގެ ގިނަ ފަޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުންނެވެ. އެގޮތުން، ގޭޓް ކައިރިން ކުދިންގެ ހުން ބެލުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނެއެވެ. 

ހުން ހުރި ކުއްޖެއް ފާހަގަވެއްޖެނަމަ ގެންދިޔުމަށް ކޮންމެ ސްކޫލެއްގައިވެސް އައިސޮލޭޝަނަށް ހާއްސަ ރޫމެއް ކަނޑައެޅިފައިވާއިރު، އެތަނަށް ދަރިވަރުން ގެންދިޔުމަށްވެސް ވަކި އެސްއޯޕީތަކެއް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުންވެސް، އިޖްތިމާއީ ގައިދުރުކަން ކްލާސްރޫމްތަކުގައި ގާއިމްކޮށް، ދަރިވަރުން އާންމުކޮށް އަތްލާނެ ތަންތަން ގަވާއިދުން ޑިސްއިންފެކްޓް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެކަމަށް މުވައްޒިފުން ވަނީ ތަމްރީން ކުރެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.