އިދިކޮޅުން މިއަދު ކްރިމިނަލް ކޯޓް ސަރަހައްދުގައި ކުރިއަށްގެންދާ އިހްތިޖާޖުގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފިއެވެ. 

ކްރިމިނަލް ކޯޓް ސަރަހައްދުގައި އިދިކޮޅުން އިހްތިޖާޖް ކުރަމުންގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް އެ ކޯޓުގައި ކުރިއަށް ދާ ވަގުތާއި ދިމާކޮށެވެ. އެގޮތުން، ރައީސް ޔާމީންގެ މަނީ ލޯންޑަރިންގ އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ ވަގުތު އެމަނިކުފާނަށް ތާއީދުކުރާ ގިނަ ބަޔަކު އެ ސަރަހައްދުގައި އެއްވެފައި ތިއްބެވެ. 

މި މީހުން އެއްވެފައިވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕޯސްޓަރު ތަކާއި ޕީޕީއެމްގެ ދިދަވެސް ހިފައިގެންނެވެ. އެގޮތުން، ރައީސް ޔާމީން ބޭއިންސާފުން ޖަލަށް ލެވިފައިވާ ކަމަށާއި އެމަނިކުފާނާއި ދެކޮޅަށް ކުރިއަށް ގެންދަނީ ސިޔާސީ ޝަރީއަތެއް ކަމަށްބުނެ އަޑުއުފުލާފައިވެއެވެ.

މި އިހްތިޖާޖް ތަކުގެ ތެރެއިން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ޕީޕީއެމްގެ ތިން ކައުންސިލް މެންބަރުންވެސް ހިމެނެއެވެ. 

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި މަނީ ލޯންޑަރިންގ އާއި ރިޝްވަތަށް މަގުފަހިވާފަދަ އަމަލެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވިގެން ކޮށްފައިވާ ދައުވާގެ އަޑުއެހުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.